ހުޅުމާލޭއާއި ގުޅީފަޅުން ގޯތި ހަވާލު ކުރުމާ ބެހޭގޮތުން ސުވާލު ކުރުމަށް ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

ހުޅުމާލޭއާއި ގުޅީފަޅުން ގޯތި ހަވާލު ކުރުމާ ބެހޭގޮތުން ސުވާލު ކުރުމަށް ހައިދަރު މަޖިލީހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް ލިބުނު ފަރާތްތަކަށް އެތަންތަން ހަވާލު ކުރުމާ ބެހޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓާ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރުކުރަން ނިންމައިފި އެވެ.

އެ ސުވާލުތައް ކުރެއްވުމަށްޓަކައި މިނިސްޓަރު ހައިދަރު މަޖިލިސް އަށް ހާޒިރު ކުރަނީ، އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރު ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

އޭނާ މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ، ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލުކުރަން ފެށޭނީ ކޮން ދުވަހަކުންތޯއާއި ބިންވެރިޔާ ސްކީމްގެ ދަށުން ރައީސް ސޯލިހުގެ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މާލޭ މީހުންނަށް ދީފައިވާގޯތިތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނީ ކިހާ ތާކުތޯ އޮޅުން ފިލުވުމަށެވެ.

މީގެ އިތުރުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދ 4،000 ފުލެޓް ކާމިޔާބުވީ ފަރާތްތަކަށް އެ ފްލެޓްތައް ހަވާލު ކުރެވޭނީ ކޮންއިރަކުންތޯ ވެސް މާދަމާ މިނިސްޓަރާ ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ހަފްތާގައި، މަޖިލީޙުގެ ޕެޓިޝަން ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ހައިދަރު ވިދާޅުވެފައިވަނީ، ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުންދާ ފުލެޓް އިމާރާތްތަކުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހު ނިމޭނެ ކަމަށެވެ.

ކުރީގެ ސަރުކާރުން އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެޗްޑީސީން ވެސް ބުނެފައިވާއިރު، ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެހާތަނަށް ނެރުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހައިދަރު ވިދާޅުވެފައިވެ އެވެ.

މިފަހަރު ފްލެޓް ލިބޭނެ މީހުން ކަނޑައަޅާނީ، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލި ވިހިހާހަށް ވުރެ ގިނަ މީހުންގެ ޝަރުތު ފުރިހަމަވޭތޯ ވަކިވަކިން ޔަގީން ކުރުމަށްފަހުގައި ކަމަށް ހައިދަރު ވިދާޅުވެފައިވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *