ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުރަތަމަ 4،000 ފްލެޓްގެ ތެރޭގައި ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްސަ ކުރާ 100 ފްލެޓް ނުހިމެނޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވިދާޅުވުމުން، ކަސްޓަމުން އެ ވާހަކަތައް ދޮގުކޮށްފިއެވެ.
ކަސްޓަމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭ ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން 100 ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމަށް ނިންމައި، ރައީސް އޮފީހުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގައި ކަސްޓަމަށް އެކަން އަންގައިފައި ކަމަށެވެ.
"މި 100 ފްލެޓްގެ ތެރެއިން ވަކިވަކި ޔުނިޓް ތަކުގެ ނަމްބަރުތައް ދިނުމަށް ފަހު، އެ ޔުނިޓްތައް ދެންވީ މުވައްޒަފުން ކަނޑައެޅުމަށް ފަހު ފޮނުވުމަށް އެ މިނިސްޓްރީން ކަސްޓަމްސްއަށް އެންގުމުން ކަސްޓަމްސްގައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން ފްލެޓް ލިބޭ މުވައްޒަފުންނަށް އެ ޔުނިޓް ކަނޑައެޅުމަށް ފަހު، 16 ނޮވެމްބަރު 2023 ގައި އެ ލިސްޓު ހައުސިން މިނިސްޓްރީއަށް ފޮނުވުނު،" ކަސްޓަމުން ބުންޏެވެ.
އެފަހުން އެކަމާއި ގުޅިގެން ހަދަންޖެހޭ އެއްބަސްވުންތައް ހެދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަސްޓަމްސްގެ މުވައްޒަފުންނަށް ގުޅަމުން ގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަސްޓަމަށް އަންގައިފައި ކަމަށް ކަސްޓަމުން ބުންޏެވެ.
އެ ހުރިހާ ކަމެއްގެ މައުލޫމާތު ހައުސިން މިނިސްޓްރީއަށް ދިނުމަށްފަހު ހައުސިން މިނިސްޓްރީން އެ ފްލެޓްތަކާއި މެދު އަމަލު ކުރުމަށް މިހާރު ނިންމާފައިވާ ގޮތް އަންގައިދިނުމަށް ސިޓީ އަކުން އެދުނު ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް ކަސްޓަމުން ބުންޏެވެ. އަދި ބުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއާއެކު ކަސްޓަމްސްއިން މަޝްވަރާ ކޮށްގެން ކުރިއަށް ގެންދާ އޮޕްޝަން ތަކެއް ހުށަހެޅުމަށް ރައީސް އޮފީހުން އަންގާފައި ވާތީ، މިިދިޔަ މާޗު މަހުގެ 18 ގައި ހައުސިން މިނިސްޓްރީއާއި އެކު ބައްދަލުމެއް ބާއްވާފައިވާނެ ކަމަށެވެ.
"މި ބައްދަލުވުމުގައި އެއްބަސް ވެވުނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް ބޭނުންވާ ބިން އެޗްޑީސީއާ ގުޅިގެން ހޯދުމަށާއި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވާ 100 ފްލެޓް އިތުރު ބަދަލެއް ނުގެނެސް ކުރިން ނިންމާފައިވާ ގޮތަށް މުވައްޒަފުންނަށް ދިނުމަށެވެ." ކަސްޓަމުން ބުންޏެވެ.
ކަސްޓަމުން ބުނީ އެ މުއައްސަސާގެ މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރުމަށާއި މުވައްޒަފުންގެ ވެލްފެއާއަށް ކުރަންޖެހޭ ކަންކަން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އެހެން ކަމުން، އެ 100 ފްލެޓް ހޯދުމަށާއި ފްލެޓް އެޅުމަށް ބޭނުންވާ ބިން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ކަސްޓަމުން ބުންޏެވެ.