އެމެރިކާގެ ރައީސްކަން ކުރައްވާފައިވާ ތިން ރައީސުންގެ ތާއީދުވެސް، ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް، މިހާރު އެމެރިކާގެ ނައިބު ރައީސް ކަމުގައި ހުންނެވި ކަމަލާ ހާރިސްއަށް އޮތްކަން ހާމަ ކުރައްވައިފިއެވެ.
އެ ތިން ރައީސުންނަކީ ރިޔާސީ ޓިކެޓަށް ކެމްޕޭން ކުރެއްވުމަށްފަހު، ރިޔާސީ ޓިކެޓުގެ ރޭހުން ވަކިވެވަޑައިގެންފައިވާ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އެމެރިކާގެ ގިނަ ބަޔެއްގެ ތާއީދު އޮތް އެ ގައުމުގެ ކުރީގެ ދެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަން އަދި ބަރަކް އޮބާމާއެވެ. އޮބާމާގެ އަނބިކަނބަލުން މިޝޭލްވެސް ވަނީ ކަމަލާ ހާރިސްއަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
އެމެރިކާގެ ސެނެޓު އަދި ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ޕާޓީގެ ގިނަ މެންބަރުންވެސް ވަނީ ހެރިސްއަށް ތާއީދު ކުރައްވާފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޑިމޮކްރެޓިކް ޕާޓީން ކެންޑިޑޭޓަކު ކަނޑައެޅުމުގެ މަސައްކަތް އެ ޕާޓީން ފަށާފައި މިވަނީ އެމެރިކާގެ ރައީސް ބައިޑަން ރިޔާސީ އިންތިޚާބުން ވަކިވެވަޑައިގަތުމާއި ގުޅިގެންނެވެ.
ޑިމޮކްރެޓިކް ޕާޓީގެ ގިނަ ބައެއްގެ ތާއީދު ހެރިސްއަށް ލިބިފައި ވާތީ ޑިމޮކްރެޓުންގެ ޓިކެޓް އޭނާއަށް ލިބިވަޑައިގަންނަވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ.
އެމެރިކާގައި ކަޅު ނަސްލުގެ ބޮޑު އާބާދީއެއް އޮތްއިރު އޭގެ ގިނަ މީހުންގެ ތާއީދު ހެރިސްއަށް ލިބިފައިވާތީ ރިޕަބްލިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ހެރިސްގެ ފަރާތުން ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވާނެ ކަމަށް މުރާސިލުން ދެކެއެވެ.