ބަންގްލަދޭޝްގެ ހަމަނުޖެހުން ތަކުގައި ގިނަ އަދަދެއްގެ ކިޔަވާކުދިން މަރުވެއްޖެ

ބަންގްލަދޭޝްގެ ހަމަނުޖެހުން ތަކުގައި ގިނަ އަދަދެއްގެ ކިޔަވާކުދިން މަރުވެއްޖެ

އަވައްޓެރި ބަންގްލަދޭޝްގައި ހިންގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ، ގިނަ އަދަދެއްގެ ކިޔަވާކުދިން މަރު ވެއްޖެއެވެ.

ހަމަނުޖެހުން ބޮޑުވުމާއި ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހަމަނުޖެހުންތައް މައިތިރިކުރަން މަގުތަކަށް އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ވަނީ މަގު ތަކަށް ނުކުމެފައެވެ.

ބަންގްލަދޭޝްގައި ހިންގަމުންދާ ހަމަނުޖެހުންތައް ހޫނުވެ ސަލާމަތީ ބާރުތަކާއި ދަރިވަރުންނާ ހިނގި ކުރިމަތިލުން ތަކުގައި މަރުވި މީހުންގެ އަދަދު 105 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. ބަންގްލަދޭޝްގައި މިހާރު ދަރިވަރުން ކުރަމުން އަންނަ މުޒާހަރާއަކީ އެގައުމުގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގައި ބައިވެރިވެފައިވާ އެގައުމުގެ ސިފައިންގެ އާއިލާ ތަކަށް ސަރުކާރުގެ ވަޒީފާ ތަކުގެ 30 އިންސައްތަ ދޭން ނިންމި ނިންމުމާއި ދެކޮޅަށެވެ.

އެފަދަ ނިންމުމެއް އެގައުމުން ނިންމާފައިވާއިރު، ތަފާސް ހިސާބު ތަކުން ފެންނަ ގޮތުގައި ބަންގްލަދޭޝްގެ 170 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ފަސްބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ.

ބަންގްލާދޭޝްގެ 64 ޑިސްޓްރިކްޓްގެ ތެރެއިން ގިނަ ތަންތަނުގައި ބޮޑެތި ހަމަނުޖެހުންތައް ހިންގާފައި ވާއިރު، މަރުވި މީހުންގެ އަދަދު އަދި މައްޗަށް ދާނެކަމަށް ބެލެވޭ ކަމަށް ނޫސް ތަކުން ރިޕޯޓް ކޮށްފައިވެ އެވެ.

ހަމަނުޖެހުންތައް ބޮޑުވުމާއެކު އިންޓަނެޓް ކަނޑާލުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިންގައި، ފުލުހުންނާއި ސަރުކާރުގެ އެތައް އިމާރާތް ތަކެއްގައި ހުޅުޖަހާފައިވާ ކަމަށެވެ. އޭގެތެރެއިން ބަންގްލާދޭޝް ދައުލަތުގެ މީޑިއާވެސް ހިމެނެއެވެ. އެތަނުގެ އަދިވެސް ހިދުމަތް ނުފެށެއެވެ.

މި މުޒާހަރާގައި ބައިވެރިވެފައިވާ މީހުން ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނައިރު، ބައެއް ހާލަތްތަކުގައި ވަނީ ކަރުނަގޭސް ވެސް ބޭނުން ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި އަންނަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.

ދަރިވަރުން ކުރަމުން ދިޔަ މުޒާހަރާތައް މި ހަފުތާ ތެރޭގައި ބޮޑަށް ހޫނުވީ ސަރުކާރަށް ތާއީދުކުރާ ދަރިވަރުންތަކެއް މުޒާހަރާތަކާ ދެކޮޅަށް ނުކުތުމާ އެކު ހަމަނުޖެހުންތައް ހިނގައި ބަޔަކު މަރުވުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *