މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާއެކު މަޝްވަރާ ކޮށްފިއެވެ.
އެކަމާމެދު މަޝްވަރާ ކޮށްފައި ވަނީ ކައުއުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕޮލޮމެޓިކް ޕާސްޕޯޓު ލިބޭނެ ގޮތެއް އޮތްތޯ ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭއަށް ހުށަހަޅާފައިވާތީއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލް ތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ. މިގޮތަށް މަޝްވަރާކުރީ މިއަދު ބޭއްވި ލޯކަލް ގަވަމަންޓު އޮތޯރިޓީ، އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
އެލްޖީއޭއިން ބުނީ ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ހޯދައި ދިނުމުގެ ބޭނުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމާއި އަދި އެ ކައުންސިލަރުންނަކީވެސް ރައްޔިތުން އިންތިޚާބުކުރާ ބަޔަކަށް ވާތީ އެ ބޭފުޅުންނަށް ހައްގު ދަރަޖަ ދިނުން ކަމަށެވެ.
ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓު ތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނަށެވެ. އަދި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ހިމެނެއެވެ.