ރާއްޖޭގެ އިގްތިސޯދީ ހާލަތު ވަންހަނާ ކޮށްގެން މި ސަރުކާރަށް ހޯދޭނެ މޮޅެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ “ހަބަރު ސިޓީ” އަށް ފައްޔާޒު ވިދާޅުވީ ރާއްޖެއަށް ގެންނަ ހަރުދަނާ ރަނގަޅު ބަދަލު ތަކަށް އެމްޑީޕީންވެސް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެން ކަމުން ކަންކަން ސިއްރު ކުރުމުގެ އެއްވެސް ބޭނުމެއް ސަރުކާރުގައި އޮވެގެން ނުވާނެ ކަމަށެވެ.
“ރައްޔިތުން ބަލައިގަންނަ ހަރުދަނާ ބަދަލު ތަކަކަށް އެމްޑީޕީން މަރުހަބާ ކިޔާނެ. އެކަމަކު މާލީ ހާލަތު، ވާނުވާގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް” ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި ސަރުކާރަށް ހަތްމަސް ވެގެންދާއިރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު އަދިވެސް ހާމަނުކުރާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރުމަކީ ސަރުކާރަށް އުނދަގޫ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
“ރަށްރަށުގެ ކައުންސިލަރުން މަދު ކުރުމުގެ ކުރިން ސިޔާސީ މުވައްޒަފުންގެ އަދަދު މަދު އެބަކުރެވޭތޯ؟. އެ އަދަދު ހާމަ ކުރުމަކީ ސަރުކާރަށް އުނދަގޫ ކަމެއް ނޫން. އެއީ މިވަގުތުވެސް ސަރުކާރަށް އެނގޭނެ މައުލޫމާތު” ފައްޔާޒު ވިދާޅުވި އެވެ.
އެކަންކަން ސަރުކާރަށް ނޭނގޭނަމަ އެއީ އަދި މާބޮޑު ކަންބޮޑުވުމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.