ރާއްޖެ އިގްތިސޯދީ ގޮތުން މިވަގުތު މިއޮތް ނާޒުކު ހާލަތައް ނުބަލައި ސަރުކާރުން ދަނީ ބޭކާރު ހަރަދުތައް ކުރަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވަން އުޅުއްވި ދުވަސްވަރު ފައިސާ ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައަދު މުއިއްޒު ވިދާޅުވުމަށް ފަހު މިހާރު ފައިސާ ނެތް ކަމަށް ވިދާޅުވަމުންދާ ކަމަށެވެ.
“އޭރު ވިދާޅުވެ ދެއްވަންވީ ދެއްތޯ އަޅުގަނޑުމެންގެ ހާލަތު އޮތްގޮތް ވަކިވަކިން. އޭގެ ބަދަލުގައި ޖުމްލަކޮށް އެ ވިދާޅުވީ އިގްތިސޯދީ އެއްވެސް މައްސަލައެއް ނެތޭ. ހަމަ ތެދަކަށޭ މި ދަންނަވަނީ ތިމަންނަމެން ހާސްވާ އެއްވެސް ކަމެއް ނެތޭ، ރީފައިނޭންސް ކުރަން ތިމަންނަމެންނަށް އެހެރީ ފައިސާ އައިސް ހަމަޖެހިފައޭ، ފެހި ސިގްނަލްތައް ލިބިއްޖޭ،" ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ ސަރުކާރު ކުރަމުންދާ ބޭކަަރު ހަރަދު ތަކުގެ މައުލޫމާތުވެސް ދެއްވައިފަ އެވެ.
"މިހާ ހާލަގައި އޭރު އޮތް ހާލަތުގައި ދިވެހި ރާއްޖެ އޮތްއިރު ދައުލަތުގެ މާލިއްޔާގައި އެއްވެސް ފައިސާ ފޮއްޗެއް ނެތްއިރު ހުވާ ކުރުމުގެ ރަސްމިއްޔާތަށް 26 މިލިއަން ހަރަދު ކުރަންވާނެތަ؟ މުލިއާގެ މަރާމާތު ކުރާށާއި މުލިއާގޭގައި އާ އިމާރާތެއް އަޅާ މިކަންކަމަށް އަނެއްކާ 21 މިލިއަން ހަރަދު ކުރަންވާނެތަ؟ ނައިބު ރައީސް ވަޑައިގަތުމަށްޓަކައި ހިލާލީގެ މަރާމާތު ކުރުމަށް 15 މިލިއަން ހަރަދު ކުރަން ޖެހޭތަ،" ޔާމީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޑްރޯން ގަތުމަށް ސަރުކާރުން ކުރީ ބޭކާރު ހަރަދެއް ކަމަށެވެ. އިގްތިސޯދު މިހާ ނާޒުކުއިރު ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކޮންމެހެން މުހިންމު ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.
އީދު ފާހަގަ ކުރަން މާލޭގައި ކުލަބޮކި ދިއްލައި އީދު ފާހަގަ ކުރަން ބޮޑެތި ހަރަދު ތަކެއް ސަރުކާރުން ކޮށްފައި ވާތީ އެކަމަށް ވެސް ޔާމީން ފާޑު ވިދާޅުވި އެވެ. އެ ހަރަދުތައް އަނބުރައި ހޯދަން ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.