ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރަން ކަމާބެހޭ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ސިޔާސީ މަގާމު ތަކުގައި ތިބި މީހުންގެ އަދަދު ހާމަކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް، މައުލޫމާތު ހާމަކުރަން ކުރިން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން އައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އިއްޔެ ވަނީ ވޯޓު ދެއްވައިފައެވެ.
އެކަން ދިފާއުކޮށް އަޒާން މިއަދު ވިދާޅުވީ އެމްޑީޕީގެ އެ ހުށަހެޅުމަކީ މަޖިލީހުގެ ވަގުތު ބޭކާރު ކުރުމަށް އެ ޕާޓީން ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ހާމަކުރާނެ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރަކު “މާލޭ ޓައިމްސް” އަށް ވިދާޅުވީ ސިޔާސީ މަގާމު ތަކުގައި ތިބި މީހުންގެ އަދަދު ހާމަ ކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަަށެވެ.
“ސަރުކާރުން މަތިއަޅައިގެން ފޮރުވައިގެން ގެންގުޅޭ މައުލޫމާތެއް ނޫން އެއީ. މިނިސްޓްރީ ތަކުގައި ތިބި ސިޔާސީ މީހުންގެ އަދަދު އާރްޓީއައިން ލިބޭނެ. ދެން އެހެންވީމާ ސިއްރުކުރާ ކަމަކަށް ނުވާނެ. އެކަން އެގޮތަށް ހުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ސިޔާސީ މީހުންގެ އަދަދު ހާމަކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް އަންގައިފައި ހުރިހާ މިނިސްޓްރީ ތަކަށް” އޭނާ ވިދާޅުވި އެވެ.
ސިޔާސީ މަގާމު ތަކަށް މީހުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެ މަގާމު ތަކަށް މީހުން އައްޔަން ކުރެއްވުމުގެ ހުރިހާ މަސައްކަތެއް ކުރަނީ ރައީސް އޮފީހުންނެވެ.
އެކަމުގެ އެންމެ ފުރިހަމަ ތަފްސީލީ މައުލޫމާތު ރައީސް އޮފީހުގައި ހުންނައިރު މިނިސްޓްރީތަކަށް އެ މައުލޫމާތު ސާފުކުރަން އެންގީކޮން ސަބަބާ ގުޅިގެން ސާފުވާ ގޮތް ވަނީ ނުވެފައެވެ.
ރައީސް އޮފީހުގެ މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް އެންގީ ރައީސް ކަމަށް ވުމުން ސަބަބު އެނގިވަޑައިގަންނަވާނީ އެ މަނިކުފާނަށް ކަމަށެވެ. ސިޔާސީ މަގާމު ތަކުގެ ގޮތުގައި ރައީސް އޮފީސް، މުލިއާގެ އަދި ތީމުގެއަށް ވެސް މީހުން ވަނީ އައްޔަން ކޮށްފައެވެ.