އޭލެވަލް ނިންމައި މުޖުތަމައަށް ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސަ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން (ސީއެޗްއެސްއީ)އަށް 45 އަހަރު ފުރުން ފާހަގަ ކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކިޔަވާ ކުދިންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ވަރަށް ރަނގަޅަށް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެ ހުރިހާ ދަތިތަކެއްގެ ތެރެއިން ވެސް އަމިއްލަ ނަފުސުގެ މައްޗަށް އިތުބާރު އޮވެ، ކުރިޔަށްދިއުމުގެ އަޒުމުގައި ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ތިމަންނާއަކަށް ނުވާނޭ، ތިމަންނާއަކީ އެހާ މޮޅު ކުއްޖެއް ނޫނޭ ކިޔާފައި ގިވްއަޕް ކުރުމަކީ އެއްވެސް ކަމެއް ހާސިލްވާނެ ކަމެއް ނޫން. ގިވްއަޕް ނުކުރާތި، އެއްވެސް އިރަކު، އެއްވެސް ކަމެއްގައި އުންމީދު ކަނޑާލައިގެން ނުވާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ.
ކާމިބީއާއި ނާކާމިޔާބީގެ ދެމެދުގައިވާ ތަފާތަކީ ލިބޭ ފުރުސަތުގެ ބޭނުން ހިފުން ކަމަށާއި އަމިއްލަ ނަފުސަށް އިތުބާރުކޮށް، ވަރުގަދަ އަޒުމަކާ އެކު، ލިބޭ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރައީސްވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.