ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

ގަވަރުނަރު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވި މައްސަލަ ދިރާސާ ކުރަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަލުން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ގަވަރުނަރު އަލީ ހާޝިމް، މަގާމުން ވަކި ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ކޮމިޓީން ފާސް ކުރީ އިއްޔެއެވެ. އަދި އެ މައްސަލަ އެ ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް އިއްޔެ ވަނީ މަޖިލިސް ތަޅުމަށް ފޮނުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮމިޓީން އެގޮތަށް ނިންމި ރިޕޯޓު މަޖިލީހުގެ އަމީން އާއްމު ތަޅުމަށް އިއްވެވުމުން، މަޖިލިސް ރައީސް ވިދާޅުވީ އެ މައްސަލަ ދިރާސާ ކުރުމަށް އަލުން ކޮމިޓީއަށް ފޮނުއްވާ ކަމަށެވެ.

އަލީ ހާޝިމް ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް އިއްޔެ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. މި މައްސަލަ ހުށަހަޅުއްވަމުން ނާޒިމް ވިދާޅުވީ، މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގައި އެމްއެމްއޭގެ މައިގަނޑު މަގުސަދުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އެއީ ފައިސާ ނެރެ ފައިސާ ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމާއި ދިވެހި ރުފިޔާގެ ބައިނަލް އަގުވާމީ އަގު ކަނޑައެޅުމާއި ބޭންކިން އާއި މަނިޓަރީ މުއާމަލާތާބެހޭ ކަންތައްތަކުގައި ސަރުކާރަށް ލަފާދިނުމާއި ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ބޭންކު މުއާމަލާތާބެހޭ އުސޫލުތައް އެކަށައަޅައި ހިންގައި ރާއްޖެއަށް ހަމަޖެހޭ އިގުތިސޯދީ ތަރައްގީއެއް ގެނެސްދެވޭނެ ގޮތެއްގައި މާލީ ހާލަތު ކުރި އެރުވުން،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގައުމެއްގެ އިގުތިސޯދު ކުރިއަށް ގެންދިއުމަށް އޮންނަ މައިގަނޑު ދެ އަސާސަކީ ފިސްކަލް ޕޮލިސީ އާއި މަނިޓަރީ ޕޮލިސީ ކަމަށެވެ. މި ދެ ޕޮލިސީގެ ތެރެއިން ފިޒިސްކަލް ޕޮލިސީއަކީ ސަރުކާރުގެ ޚަރަދުތައް ބައްޓަން ކުރާނެ ގޮތްތަކާއި ޓެކްސް ނަގާނެ މިންވަރުތައް ކަނޑައެޅުން ފަދަ އިގުތިސޯދީ ކަންކަމުގައި ސަރުކާރުން އަމަލު ކުރާ އުސޫލުތައް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި މަނިޓަރީ ޕޮލިސީއަކީ އިގުތިސޯދުގެ ތެރޭގައި ދައުރުވާ ފައިސާ ކަނޑައެޅުމާއި ބޭންކިން އުސޫލުތަކުގެ ތެރެއިން އިންޓްރެސްޓް ރޭޓް ކަނޑައެޅުން ފަދަ، ސީދާ ގޮތެއްގައި އިގުތިސޯދުގެ ތެރޭގައި ފައިސާ ހުންނާނެ މިންވަރު ކަނޑައެޅުން ކަމަށާއި އެއީ އެމްއެމްއޭގެ މަސްއޫލިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އަލީ ހާޝީމް މަގާމުން ވަކިކުރަން ޖެހޭ ކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ގައުމުގެ ފިސްކަލް ހާލަތު ރަނގަޅު ކުރުމަށްޓަކައި އިކޮނޮމިކް ރިފޯމް އެޖެންޑާއެއް އެކުލަވާލައި އެކަމަށް ބޭނުންވާ ގާނޫނުތައް ތައާރަފުކޮށް، އާ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ.

ނަމަވެސް ގައުމުގެ އިގުތިސޯދު ހީނަރުވެ އަލުން އަނބުރާ އިއާދަކުރުން އުނދަގޫ ހިސާބަކަށް އިގުތިސޯދު ނިކަމެތިވެގެން ދިޔައިރު، އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލު ކުރެވިފައި ނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭގެ މައިގަނޑު އެއް އަސާސް ކަމަށްވާ މަނިޓަރީ ޕޮލިސީ އެންމެ އެކަށޭނަ ގޮތުގައި ހިނގަމުންދާތަން ފެންނަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.

"މިގޮން އެންމެ ފާހަކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ބޭންކުތަކާއި ފައިނޭޝަލް އިންސްޓިޓިއުޝަންތަކުން އާއްމުންނަށް ލޯނުދިނުން ނުސީދާކޮށް ހިފަހައްޓައި ބޭންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ވަނީ ބާރު އަޅުއްވައިފައި. އެގޮތަށް އަމަލު ކުރުމުން އިގުތިސޯދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސޯދީ މަސައްކަތްތައް ހުއްޓި، ގައުމުގެ އިގުތިސޯދީ ދުވެލި ވަނީ މަޑުޖެހިފައި،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސަރުކާރުން ވެސް މިހާރު ފައިސާ ހޯދަމުން ދަނީ ޑޮމެސްޓިކް މާކެޓުން ކަމަށެވެ. އެހެންކަމުން ޑޮމެސްޓިކް މާކެޓް ރަނގަޅަށް ރެގިއުލޭޓް ކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެކަން ކުރަމުންދާތަން ފެންނަމުން ނުދާކަމަށްވެސް ވިދާޅުވިއެވެ.

އޭގެއިތުރުން މިނިސްޓްރީން އޮފް ހޯމް އެފެއާޒާއި ދިވެހި ފުލުހުންގެ ފަރާތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމިޓީއާ ހިއްސާކޮށްފައިވާ މައުލޫމާތު ތަކުގައި ކުށް ކުރުން ހުއްޓުވަން ހުރި ގޮންޖެހުންތަކުގެ ތެރޭގައި އެމްއެމްއޭގެ ގަވާއިދުތައް އަދާހަމަ ކުރެވިފައި ނުވާ މައްސަލަ ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރު އައިފަހުން ޤާނޫނުގައި ކަނޑައަޅާފައިވާ މަގުސަދު ހާސިލު ކުރުމަށް އެމްއެމްއޭގެ ގަވަރުނަރު އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ކޮމިޓީން ފާސްކުރަން ނާޒިމް ހުށަހެޅުއްވިއެވެ.

ނާޒިމްގެ ހުށަހެއްވުމާ އެއްގޮތަށް އަލި ހާޝިމް މަގާމުން ވަކިކުރުމަށް ރައީސަށް ލަފާދޭން ފާސް ކުރީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ފިޔަވައި ދެން ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި އެހެން ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *