ފާހަގަކުރެވޭ ނިޝާން ތަކެއް ހުރި، ނަމަވެސް ޖަމީލަށް އަނިޔާ ކޮށްފައެއްނެތް: ޕޮލިސް

ފާހަގަކުރެވޭ ނިޝާން ތަކެއް ހުރި، ނަމަވެސް ޖަމީލަށް އަނިޔާ ކޮށްފައެއްނެތް: ޕޮލިސް

ފުށީ ޖަލުގައި އިއްޔެ މަރުވި ށ. ފުނަދޫ/ ޒަމާނީ ވިލާ އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި ފާހަގަކުރެވޭ ނިޝާންތަކެއް ހުރި ނަމަވެސް ޖިސްމާނީ ގޮތުން އޭނާއަށް އަނިޔާތަކެއް ދީފައިވާ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ޖަމީލް މަރުވެފައި ވަނިކޮށް ފެނިފައިވަނީ، ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ މާފުށީ ޖަލުގެ ގޮޅީގަ އޮއްވައެވެ.

ޖަމީލަށް އަނިޔާއެއް ކޮށްފައިވޭތޯ ފުލުހުން ތަހުގީގު ކުރަން ފެށީ، އޭނާ ނިޔާވެފައި އޮތްއިރު ހަށިގަނޑުގެ އެކި ތަންތަނުގައި އަނިޔާ ކޮށްފައިވާފަދަ ނިޝާން ތަކެއް ހުރިކަމަށް ބެލެވޭ ފޮޓޯ ތަކެއް ސޯޝަލް މީޑީޔާގައި ލީކުކޮށްލުމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އެކަމާ ބެހޭގޮތުން ފުލުހުން ކުރި ތަހުގީގާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފުލުހުނުްގެ ޑެޓް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ސާމިހު ވިދާޅުވީ ޖަމީލް އޮތް ގޮޅީގެ ސީސީޓީވީ ފުޓޭޖު ތަކުން ދައްކާ ގޮތުން ޖަމީލު ގޮޅިއަށް ވަނީ އިއްޔެރޭ 9:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެއްވެސް މީހަކު އެ ގޮޅިއަށް ވަދެފައި ނުވާކަން ފުޓޭޖުން ދައްކާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ފުޓޭޖުތައް ފުލުހުން ވަނީ މީޑިޔާ އާ ހިއްސާ ކޮށްފައެވެ. ސާމިހު ވިދާޅުވީ، އިއްޔެ ހެނދުނު 6:00 ހާއިރު ޕްރިޒެންސް އޮފިސަރުން އާންމު އުސޫލުން ގޮޅިތަކަށް ޒިޔާރާތް ކުރި ނަމަވެސް އެ ގޮޅިއަށް އޮފިސަރުން ވަދެފައި ނުވާ ކަމަށެވެ. އޭއީ އޭނާ ނަމާދުގައި ސަޖިދައިގައި އޮތް ކަމަށް ދެކިގެން ކަމަށްވެސް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވި ގޮތަށް އެ ގޮޅީގެ ސީސީޓީވީ ފުޓޭޖުންވެސް ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ 7:43 ހާއިރެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ފެނިފައި ނުވާތީ އޮފިސަރުން ގޮޅިއަށް ވަނީ 11:34 ހާއިރު ކަމަށްވެސް ވިދާޅުވިއެވެ.

ސާމިހު ވިދާޅުވީ ޖަމީލްގެ ހަށިގަނޑުގައި ހުރި ނިޝާން ތަކަކީ މަރުވެފައި އެގޮތަށް ގިނައިރު އޮތުމުގެ ސަބަބުން ހުރި ނިޝާން ތަކެއް ކަމަށެވެ. ހަށިގަނޑުގެ ކުލަވެސް ބަދަލުވެފައި ވަނީ ގިނައިރު ވުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

ޖަމީލު އޮތް ގޮޅި ބަލައި ފާސްކޮށް ތަހުގީގު ކުރިއިރު އެގޮޅިން ފެނުނީ އޭނާ ސަޖިދާގައި އޮތް ގޮތަށް މަރުވެފައި އޮތުމުން، އަނގައިންނާއި ނޭފަތުން ފައިބާފައިވާ ހޮޑުކަހަލަ ބާވަތެއް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް ޖިސްމާނީ އަނިޔާއެއް ވާފަދަ އެއްވެސް ކަމެއް ގޮޅިންވެސް ފާހަގަ ވެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ނިއުސްކޮންފަރެންސްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިއްޔެގެ 18:10 ގައި ޖަމީލް ވަޅުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އޭނާގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރީ ވެސް ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *