ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދުބުރު ނުބޭއްވުމަށް ވަނީ ނިންމައިފައި: ރައީސް

ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ފުޅަނދުބުރު ނުބޭއްވުމަށް ވަނީ ނިންމައިފައި: ރައީސް

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހާއި ގުޅުވައިގެން ބާއްވާ ހަރަކާތްތައް ނުބޭއްވުމަށް ސަރުކާރުގެ އިދާރާތަކަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައިފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި ކަމަށެވެ. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ ތެރޭގައި، ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ. މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފައި. މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ" ރައީސް ވިދާޅުވި އެވެ.

ދައުލަތަށް މިހާރު ލިބެމުންދާ އާމްދަނީއިން ހަރަދުތައް ދެކޮޅު ޖައްސަން ދަތިވުމުގެ ސަބަބުން ޖީއެސްޓީ، ޓީޖީއެސްޓީ އަދި ޓެލެކޮމް އޮޕަރޭޓާސް އަތުން ނަގާ ފީތައް ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެކަން ހާމަވެފައިވަނީ ފިނޭންސް މިނިސްޓްރީން ރޭ އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓު ންވެ. އެ ރިޕޯޓް ކެބިނެޓް ވަނީ މިދިޔަ އާދިއްތަ ދުވަހު ފާސްކޮށްފަ އެވެ.

ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރުގެ ތެރޭގައި ގިނަ ބާވަތެއްގެ ޓެކްސް ބޮޑުކޮށް ބައެއް ފީތައް ބޮޑުކުރާނެ އެވެ.

ބޮޑުކުރަން ނިންމައިފައިވާ ފީ އަދި ޓެކްސްތައް:

ގްރީން ޓެކްސް ބޮޑު ކުރުން

ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން

ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން

އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން

ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން

ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިން ތަކުގެ ކުލި ބޮޑު ކުރުން

2026، 2027 އަދި 2028 ވަނަ އަހަރު އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:

ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން

އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށް ކުރުން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން

ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން

ބުރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން

އެމްއެމްޓީއާރުއެސް ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 ކަމަށް ފިނޭންސުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *