ޒާތީ ކަންކަން އެއްފަރާތް ކުރެއްވުމަށްފަހު އެކުގައި އަލުން ސިޔާސީ މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ކުރީގެ ރައީސް، މުހައްމަދު ނަޝީދު ދެއްވައިފިއެވެ.
"ރާއްޖެ ޓީވީ" އަށް މިއަދު ދެއްވި އިންޓަވިއެއްގައި ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ނަޝީދު އެކުގައި ނެތުން ކަމަށެވެ. އެހެންކަމުން މިއީ އަލުން ސިޔާސީ މަސައްކަތް ފަށަންވީ ވަގުތު ކަމަށް ސޯލިހު ވިދާޅުވި އެވެ. ނޫނީ ރައްޔިތުންނަށް ލިބިގެންދާނީ މާބޮޑު ދެރައެއް ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން މިއަދު މިއީ އެކަމާ ދޭތެރޭގައި އަލުން އެ ބޭފުޅުން ވެސް ވިސްނަވަންވީ ވަގުތު، މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ، އަޅުގަނޑުމެން އެންމެން އެކީގައި އުފެއްދި ޕާޓީއެއް، އެކީގައި ވަޑައިގަންނަވަންވީ ހަމަ، އެ ޒާތީ އޭރު އެހުރި މައްސަލަތައް، އެކަން ކުރެވޭނެ އެނގޭތޯ، އަދި އަޅުގަނޑާ ދޭތެރޭގައި ހުރި މައްސަލައެއްވިޔަސް އިނގޭތޯ އެއްފަޅީގައި ބަހައްޓާފައި އަޅުގަނޑުމެން މިކުރި މަސައްކަތް އަދި ނިމުމަކަށް ނުދެޔޭ އަޅުގަނޑުމެން އެދުވަހު ފެށި އެމްޑީޕީގެ މަސައްކަތެއް،" ސޯލިހު ވިދާޅުވި އެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސޯލިހުގެ އެ ވާހަކަތަކަށް ތާއިދުކުރައްވާ ކަމަށާއި އެކުގައި މަސައްކަތް ކުރެވިދާނެ ކަމަށެވެ.
"ވަރަށް ބޮޑު ތެދުފުޅެއް، ތިޔަ ވިދާޅުވި މިސްރާބު އަޅުގަނޑުމެން އެންމެނަށް ވެސް ހޯދޭނެކަމުގެ އުންމީދު އަޅުގަނޑު ވެސް ކުރަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް މީގެ ކުރިން ސޯލިހު ވިދާޅުވެފައިވަނީ ވަކި ބޭފުޅަކު ޕާޓީގައި ހުންނެވުމާއި ނުހުންނެވުން އެ މަނިކުފަނަށް މުހިއްމު ނޫން ކަމަށެވެ.
"ރައީސް ނަޝީދު ޕާޓީއާ ގުޅުންތޯ؟ އެކަން ނިންމާނީ ޕާޓީން. އަޅުގަނޑަކަށް އެހާ މުހިއްމެއް ނޫން ވަކި މީހަކު ޕާޓީގައި ހުރުމާއި ނުހުރުން. މި ޕާޓީ އަކީ އެއަށް ވުރެ މާ ވަރުގަދަކޮށް އޮތް ޕާޓީއެއް،" ސޯލިހު ވިދާޅުވެފައިވެ އެވެ.
"ކޮންމެހެން ވަކި މީހަކު ޕާޓީއަށް ގެންނަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ނޫން މިވަގުތު."
ނަޝީދު ވަނީ މީގެ ކުރިން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެފަހަރު ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 50 ޕަސަންޓުގެ ރުހުން ލިބިއްޖެނަމަ އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ނަޝީދުގެ އެ ހުށަހެޅުމާ ގުޅޭގޮތުން ގޮތެއް ނިންމެވުމަށް އެމްޑީޕީން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ނުބާއްވަ އެވެ.