މާލޭގައި 50 އަށްވުރެގިނަ ޑްރަގް އައްޑާ އެބަހުރި: ހޯމް މިނިސްޓްރީ

މާލޭގައި 50 އަށްވުރެގިނަ ޑްރަގް އައްޑާ އެބަހުރި: ހޯމް މިނިސްޓްރީ

މާލޭގައި 50 އަށްވުރެގިނަ ޑްރަގް އައްޑާ އޮޕަރޭޓް ކުރާކަން ފާހަގަ ކުރެވިފައި ވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެ މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީއަށް ދިނުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޑްރަގް އައްޑާތަކާބެހޭ ގޮތުން މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ނާޒިމް ވިދާޅުވީ، މާލޭގެ ވަކި ކަންމަތި ތަކާއި ވަކި ގޯތި ތަކެއްގެ އިތުރުން ހުސް ތަންތަނުގައި ޑްރަގް އައްޑާތައް ހަދައިގެން އޮޕަރޭޓް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ ސިޔާސަތުގެ އެކަމަށް އޮތް ހައްލަކީ ކޮބައިތޯ ނާޒިމް ސުވާލު ކުރެއްްވިއެވެ.އި

އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ޑްރަގް އައްޑާ ތަކުގެ ގޮތުގައި ސަރުކާރުގެ ބައެއް އިމާރާތްތަކާއި އާއްމު ފަރާތްތަކުގެ އިމާރާތްތައް ހިމެނޭ ކަމަށެވެ.

"ގިނައީ ފަޅު ގެ ތަކުގެ ގޮތުގައި ހުރި ތަންތަން، އެތަން ތަނުގެ ވީޑިޔޯ ތަކާއި އެއްޗެހި ނަގައި އެސެސްމެންޓެއް ހެދިފައި ވަނީ، މީގެތެރެއިން ކޮބައިތޯ ސަރުކާރު ޕްރޮޕަޓީސްތަކަކީ އަދި ޕްރައިވެޓް ޕްރޮޕަޓީސް ތަކަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުގެ މަތިން ސަރުކާރުގެ ތިން ޕްރޮޕަޓީއެއް ޑްރަގް އައްޑާގެ ގޮތިގައި ފާހަގަވެފައި ވާތީ އެތަންތަން ތަޅައިލުމަށް އެދިފައިވާ ކަމަށާއި، އެކަމަށް ހުއްދަ ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް ހުރި ޕްރައިވެޓް ތަންތަނުގެ ވެރިންގެ ފަރާތުން ހުއްދަހޯދައި އެތަންތަން ބަންދު ކުރަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ މައްސަލަ ތަކަށް ދާއިމީ ހައްލެއް ގެނެވޭނީ، ޑްރަގް ސަޕްލައި ހުއްޓުވުމަށް ކުރާ މަސައްކަތް ކާމިޔާބު ކުރެވިގެން ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޤާނޫނު ތަކަށް އިސްލާހު ގެނައުމުގެ ބިލްތައް މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި މަޖިލީހުން ބިލު ފާސްކޮށް ތަސްދީގު ކުރައްވާތާ ހަ މަސް ދުވަހުގެ ތެރޭގައި އެކަންތައްތައް ހައްލު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *