އެމްޑީޕީގެ ވިސްނުން ހުރީ މަޖިލިސް މެމްބަރުން ދެން އިތުރުނުވާނެ ގޮތް ހެދުމަށް: މައުރޫފް

އެމްޑީޕީގެ ވިސްނުން ހުރީ މަޖިލިސް މެމްބަރުން ދެން އިތުރުނުވާނެ ގޮތް ހެދުމަށް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެއް އަހަރުން އަނެއް އަހަރަށް އިތުރު ވަމުން އަންނަ އައުން ހުއްޓުވުމަކީ އިދިކޮޅު އެމްޑީޕީގެ ތެރޭގައި ހުރި ވިސްނުމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު މަޖިލީހުގެ ކެންދޫ ދާއިރާ މެންބަރު މައުރޫފު ޒާކިރު މިއަދު ވިދާޅުވީ، އެ ޕާޓިގެ ޕާލަމެންޓްރީ ގްރޫޕުން އަދި ވަކިގޮތެއް ނިންމާފައި ނުވި ނަމަވެސް އެއް އަހަރުން އަނެއް އަހަރަށް އިންތިޚާބު ކުރަންޖެހޭ މަޖިލިސް މެންބަރުން އިތުރު ވަމުންދާ މައްސަލަ ހައްލު ކުރުމުގެ ވިސްނުން އެ ބޭފުޅުންގެ މެދުގައިވެސް އެބައޮތް ކަަމަށެވެ.

އޭނާ ވިދާޅުވީ މެންބަރުން އިތުރުވުން ހުއްޓުވަންޖެހޭ ކަމަށެެވެ. އެކަމަށްޓަކައި ޤާނޫނު އިސްލާހުކޮށް، މެންބަރުން އިތުރު ނުކުރެވޭ ގޮތަށް ކޮންމެސް ކަހަލަ ކެޕެއް އެޅުވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ބުނަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެން ޖެހޭނެ ކަމަށެވެ. އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ 5،000 އަށް ވުރެ އިތުރުވާ ނަމަ އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ހުންނަން ޖެހެއެވެ.

މިހެން އޮތުމުގެ ސަބަބުން މަޖިލީހުގެ ކޮންމެ އާ ދައުރަކަށް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިނިދިޔަ 19 ވަނަ ރައްިތުންގެމަޖިލީހުގައި 87 މެންބަރުން ތިއްބެވިއިރު މިހާރު އޮތް 20 ވަނަ ރައްިތުންގެ މަޖިލީހަށް 93 މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ގަސްދުކުރާ ބިލްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިދިޔަ ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީޖެނެރަލް އަހުމަދު އުޝާމްވެސް ވަނީ މަޖިލީހުގެ މެމްބަރުންގެ އަދަދު މަދުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމަށް ވިދާޅުވެފައެވެ.

ނަަމަވެސް އެ ނިންމުން ނިންމާނީ މުޅި ގައުމަށް އެންމެ ފައިދާ ބޮޑުވާ ގޮތެއް ބެލުމަށް ފަހުގައި ކަމަށާއި، މިކަމުގައި ގޮތެއް ނިންމާނީ މަޝްވަރާކޮށް ގިނަ ބައެއްގެ ޚިޔާލު ހޯދައިގެންކަމަށް އުޝާމް ވިދާޅުވިއެވެ.

ނިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް، މެންބަރުން އިތުރު ނުވާނެ ގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ބައެއް މެންބަރުން ހުށަހެޅުއްވިއެވެ. ނަމަވެސް އެކަން އެންމެ އެދެވޭގޮތުގައި ކުރިއަށް ގޮސްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *