ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސިޔާސީ 6 ޕާޓީއަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް، މެންބަރުންގެ ނިސްބަތުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރެއެވެ. އެއީ އެ އަހަރަކަށް ލަފާކޮށް މަޖިލީހުން ފާސް ކޮށްފައިވާ ޖުމްލަ ބަޖެޓުގެ %0.01 އެވެ.
އީސީން މިއަދު ބުނީ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ސިޔާސީ 6 ޕާޓީއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. މީގެތެރެއިން އެންމެގިނަ ފައިސާ ލިބިފައި ވަނީ ސަރުކާރު ހިންގާ މައި ދެ ޕާޓީ ކަމަށްވާ ޕީއެންސީ އަދި ޕީޕީއެމްއަށެވެ. އެ ދެ ޕާޓީއަށް ޖުމްލަ 18 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ސިޔާސީ ޕާޓީ ތަކަށް ދޫކުރި ފައިސާގެ އަދަދު:
1- އެމްޑީޕީ – 15.1 މިލިއަން ރުފިޔާ
2- ޕީޕީއެމް – 10.4 މިލިއަން ރުފިޔާ
3- ޕީއެންސީ – 8 މިލިއަން ރުފިޔާ
4- ޖުމްހޫރީ ޕާޓީ (ޖޭޕީ) -5.3 މިލިއަން ރުފިޔާ
5- އަދާލަތު ޕާޓީ – 2.5 މިލިއަން ރުފިޔާ
6- އެމްޑީއޭ – 2.4 މިލިއަން ރުފިޔާ
އީސީގެ ވެބްސައިޓުގައިވާ ގޮތުގެ މަތިން އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މެންބަރުންގެ އަދަދު 10،000 އަށް ނާރަ އެވެ. އެ ދެ ޕާޓީއަށް ފައިސާ ދޫކޮށްފައިވާ ސަބަބު ސާފުކުރަން ފިނޭންސް މިނިސްޓްރީ އަށާއި އީސީއަށް ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އެކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ.