ހެންވޭރު ޕެޓްރޯލް ޝެޑުތައް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއީ އެކްސިޑެންޓަކުން ހިނގާފައިވާ ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ސައިކަލު ތަކުގައި ރޯވެފައި ވަނީ މަތިން ވެއްޓުނު ހުޅުކޮޅަކުން ކަމަށެވެ. އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ މަތިން ހުޅުކޮޅޭ ވެއްޓޭ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް ފުލުހުން ތަހުގީގަށް ހޯދައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ރޭ ބުނެފައި ވަނީ ސައިކަލު ތަކުގައި ރޯވީ ރޭ ދަންވަރު ބާރަގަޑިބައި ހާކަންހާއިރުއެވެ. ސައިކަލު ތަކުގައި ރޯވި އަލުފާންގަނޑު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ގޮސް ނިއްވާލާފައި ވިޔަސް، އެތަނުގައި ހުރި ފަސް ސައިކަލެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
ސައިކަލު ތަކުގައި ދަންވަރު ރޯވި ނަމަވެސް، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވެއެވެ.