ހިޔާގެ ޓަވަރެއްގައި އަންހެނުން ތަކެއް އޮޅުވާލައިގެން އެ ޓަވަރުގެ އެޕާޓްމަންޓަކަށް ފިރިހެނުން ގެންގޮސް ރަހީނުކޮށް ބިރު ދައްކާ ކަމުގެ މައްސަލައެއް، އެ ޓަވަރަށް ދިޔަ ފިރިހެނުން ތަކެއް ފެންމަތިކޮށް، ފުލުސް އޮފީހުގައި މައްސަލަ ޖެއްސުމާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުން އެއީ އެކަން ހިނގި ގޮތް ނޫންކަމާއި، އެ ފިރިހެނުން އެ ތަނަށް ދިޔައީ ހަށިވިއްކުމުގެ ޚިދުމަތް ހޯދުމަށް އަމިއްލަ އިޚްތިޔާރުގައިކަން ތަހުގީގަށް ސާބިތު ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހުޅުމާލޭ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ހެޑް، ސުޕްރިޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ވިދާޅުވީ، ހިޔާ ފުލެޓުގެ 5 ވަނަ ޓަވަރުގެ 3،18 އެޕާޓްމެންޓަށް ބައެއް މީހުން ދިޔައީ ހަށިވިއްކާ ކަމަށް އެތަނުގައި ދިރިއުޅޭ މީހުން ބުނުމުން، އެ ކުށަށް އަރައިގަންނަން ކަމަށެވެ.
ޝުއައިބު ވިދާޅުވީ، ހިޔާ ފުލެޓުގެ 5 ވަނަ ޓަވަރުގެ 3،18 އެޕާޓުމެންޓަށް އޮޅުވާލައިގެން ބަޔަކު ގެންގޮސް ބަރަހަނާކޮށް، ވީޑިއޯ ނަގައި އެމީހުންގެ އަތުން ބޮޑެތި އަދަދުން ފައިސާ އާއި މޮބައިލް ފޯނު ފަދަ އެއްޗެހި ފޭރިގެންފައިވާ ކަމަށް ބުނާ މައްސަލަ ތަކެއް ފުލުހަށް ހުށަހެޅުމުން އެ މައްސަލަތައް މިހާރުވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"މިހާތަނަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ މަހު އެއް މައްސަލަ، އެޕްރީލް މަހު ތިން މައްސަލަ އަދި މޭ މަހު އެއް މައްސަލަ. ގިނަ މައްސަލަ ތަކެއް ހުށަހަޅާފައެއް ނެތް. އެއީ އެމީހުންގެ ބަރަހަނާ ފޮޓޯ އަދި ވީޑިއޯ ލީކް ކޮށްފާނެތީ އާއި އެ މީހުން އެތަނަށް ދިޔައީ ޤާނޫނާ ޚިލާފު އަމަލުތައް ހިންގަން ކަމަށްވާތީ ކަމަށް ބެލެވޭ،" ރަޖުނީ ޝުއައިބު ވިދާޅުވިއެވެ.
"އަމިއްލަ އިޚްތިޔާރުގައި ދާކަމަށް ފުލުހުން ތަހުގީގު ތެރެއިން ކިޔައިދިނީމަ ބައެއް މީހުން ބޭނުމެއް ނުވޭ މައްސަލަ ކުރިއަށް ގެންދަންވެސް. އެއީ އެމީހުން މިދަނީ ހަށި ވިއްކާނެ ކަމަށް ބުނުމުން. އެއީ ޤާނޫނާއި ޚިލާފު އަމަލެއް. ދެން ތަހުގީގުގައި ތެދު ތެދަށް ކިޔައި ނުދޭތީ ކުރިއަށް ގެންދަން ގޮންޖެހުން ތަކެއް އެބަހުރި." ޝުޢައިބު ވިދާޅުވިއެވެ.
ޝުއައިބު ވިދާޅުވީ އެ އެޕާޓްމެންޓުގައި ދިރިއުޅޭ އަންހެނުން ހަށިވިއްކާކަން މާކެޓް ކުރަމުން ދިޔައީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ކަމަށެވެ. އެ މައްސަލައިގައި ހިމެނޭ އަންހެނުން ވަނީ ފޭކު އައިޑީތަށް ހަދައިގެން، އެކި މީހުން އެޑްކޮށް، އެ މީހުން ކައިރީގައި ހަށިވިއްކާ ކަމަށް ބުނެފައި ކަމަށް ރަޖުނީ ޝުއައިބު ވިދާޅުވި އެވެ. އަދި އެ އަންހެނުން ވަނީ ހިޔާ ސަރަހައްދަށް ނިކުމެ އުމުރުން ދުވަސްވީ މީހުންނާއި އެހެން އުމުރުގެ މީހުންނާ ގުޅުން ބަދަހިކޮށް ހަށިވިއްކާނެ ކަމަށް ބުނެ އެޕާޓްމެންޓަށް ގެންގޮސްފައި ކަމަށް ރަޖުނީ ޝުއައިބު ވިދާޅުވިއެވެ.
އެ މައްސަލައިގެ ތަހުގީގަށް ބަޔާން ނެގި ބައެއް ފިރިހެނުންނާ ސުވާލު ކުރުމުން އެ މީހުން މައުލޫމާތު ދީފައި ވަނީ އެމީހުން އެތަނަށް ގެންދިޔައީ ގަދަކަމުން ބިރު ދައްކައިގެން ކަމަށެވެ. ނަމަވެސް އެއީ އެ މީހުން ހަދާ ދޮގެއް ކަމަށާއި ސީސީޓީވީ ފުޓޭޖުން ފެންނަނީ އެ މީހުން އެޕާޓްމެންޓަށް ގޮސްފައި ވަނީ ރުހުމުގައި އަމިއްލަ އިޚްތިޔާރު ގައިކަން ސާފުވާ ކަމަށް ޝުއައިބު ވިދާޅުވިއެވެ.
ހިޔާ ފްލެޓަށް ވައްދައި ބިރު ދައްކައިގެން ފޭރުނު މި މައްސަލައާ ގުޅިގެން ހަތް މީހުން މިހާތަނަށް ހައްޔަރު ކޮށްފައިވާ ކަމަށް ރަޖުނީ ޝުއައިބު ވިދާޅުވިއެވެ.
އެއީ، މ. ގޯނބިލިގަސްދޮށުގެ، އައިމިނަތު ހުމައިނާ ޒަކަރިއްޔާ، 24، އާއި އާޔަތު އައްބާސް، 30، އާއި ގއ. ދާންދޫ، ޕެލަސް ހައުސް، މުޙައްމަދު އާދަމް، 43ގެ އިތުރުން ގ. ހަނދުމާގެއާގެ، ސަމާހް އަލީ، 31، އާއި ދ. ކުޑަހުވަދޫ، ސަންފްލާވާ، މުޙައްމަދު މުނީރު، 35، އާއި ނ. ވެލިދޫ، ހިފާޒް، އަޙްމަދު މާދިހް،33، މ.ސީނަރީވިއު، އަޙްމަދު މަދީހް، 34، އެކެވެ. ހުމައިނާ ފިޔަވައި އެހެން އެންމެންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
ހުމައިނާ އަކީ މާބަނޑު އަންހެނަކަށް ވުމުން ކޯޓަށް ނުގެންގޮސް ދޫކޮށްލާފައިވާ ކަމަށް ރަޖުނީ ޝުއައިބު ވިދާޅުވިއެވެ. އެފަދަ ގިނަ ކޭސް ތަކުގައި އިސްކޮށް އުޅެނީ ހުމައިނާ ކަމަށާއި އެ އެޕާޓުމަންޓަކީ އޭނާގެ ބައްޕަގެ ތަނެއް ކަމަށް ޝުއައިބު ވިދާޅުވިއެވެ.