ނ. މަނަދޫގައި މިދިޔަ އަހަރުގެ އޭޕްރީލް މަހު ނައީމާ މޫސާ މަރާލީ އޭނާއަކީ ސިހުރު ހަދާ މީހެއްގެ ގޮތުގައި ބަޔަކަށް ގަބޫލުކުރެވިގެން، ބަދަލުހިފުމުގެ ގޮތުން ކަމަށާއި ނަމަވެސް އެ މަރުގެ ތަހުގީގު ނިމުނުއިރު ވެސް ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމުގެ ހެއްކެއް ފުލުހުންނަށް ލިބިފައި ނުވަތަ ހޯދިފައިނުވާ ކަމަށް ޑެތު އެންޑް ހޯމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ސާމިހު ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާމިހު ވިދާޅުވީ ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށް މިހާރު ޝަރީއަތް ފަށައިފައިވާ އެ ތިން މީހުން ނައީމާ މަރާލީ ކޮންމެވެސް ކަމެއްގައި ސިހުރު ހެދި މައްސަލައަކާ ގުޅިގެން ކަމަށެވެ. ސާމިހު ވިދާޅުވީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އެ ރަށުގެ މީހުން ވާހަކަދައްކަމުންދާ ކަމަށެވެ. އެ ވާހަކަތައް ނައީމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނައީމާ މޫސާއަކީ ސިހުރު ހަދާ މީހެއްކަން ތަހުގީގަށް އަދި މިހާތަނަށް ނެތޭ ފެނިފައެއް ނުވަތަ އެ ވަރުގެ ހެއްކެއް ނެތޭ އަޅުގަނޑުމެންނަށް ފެނިފައެއް. އެހެން ނަމަވެސް މޯޓިވް އަކީ އެއް މޯޓިވް އެއް. ކުރިން ވެސް ފާހަގަކުރި ގޮތަށް ނައީމާ މޫސާއަކީ ފަންޑިތަ ސިހުރު ހަދާ މީހެއްގެ ގޮތުގައި ބަޔަކަށް ގަބޫލުކުރެވިގެން އެކަމުގެ ބަދަލެއް ހިފުމުގެ ގޮތުން ކޮށްފައި އޮތް ކަމެއް." ސާމިހު ވިދާޅުވި އެވެ.
ނައީމާ، 62، ދިރިއުޅޭ ގޭގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި އެ ރަށު ތިން މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ؛ ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރު އަދި ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.
ނައީމާގެ ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަސްވުމުން އޭނާގެ ގެއަށް ވަދެ ބެލިއިރު އެވެ. އޭނާގެ ހަށިގަނޑުގެ އެކިތަންތަނަށް ވަނީ ވަޅިއެއް ބޭނުން ކޮށްގެން ފުން ޒަހަމްތަކެއް ދީފަ އެވެ. ނައީމާ މަރާލުމަށް ހަމަލާދީފައިވަނީ ހެޒްމެޓް ސޫޓެއް ލައިގެން ހުރެ އެވެ. ފަހުން އެ ހެޒްމެޓް ސޫޓް އެ މީހުން ވަނީ އަންދާލައި، އެ ރަށު އަތިރިމަތީގައި ވަޅުލައިފަ އެވެ.
ފުލުހުން އެ ތަކެތި ހޯދައިފައިވަނީ ނައީމާ މަރާލި ކަމަށް އަޒްހަމް އިއުތިރާފުވެ، ފުލުހުންގެ ތަހުގީގަށް ކިޔައި ދިނުމުންނެވެ.