މަސްވރިންގެ ޔޫނިއަން އިން، ފިޝަރީޒް މިނިސްޓްރީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: މަސްވެރިންގެ ޔޫނިއަން

ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް ސަރުކާރުން ބުނި: މަސްވެރިން

ކަންނެލި މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ނުދޭނެ ކަމަށް ސަރުކާރުން ބުނި: މަސްވެރިން

އިއްޔެ މަސްވެރިން ކުރި އިހުތިޖާޖު ހުއްޓާލީ، ބޮޑުކަންނެލީގެ މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުން ކަމަށް މަސްވެރިން ބުނެފިއެވެ.

ގިނަ މަސްވެރިންގެ މައްޗަށް އެކުލެވޭ "ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން" ގެ ރަސްމީ ޓްވިޓާރ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، އިއްޔެ ފެށި އިހުތިޖާޖު ނިންމާލީ ދެ ކަމަކަށް ސަރުކާރުން އެއްބަސް ވުމުން ކަމަށެވެ. އެއްކަމަކީ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން އެއްވެސް ބަޔަކަށް ހުއްދަ ނުދިނުމެވެ.

މަސްވެރިން ބުނަމުން ދިޔައީ ކަންނެލި މަސްވެރިކަމަށް ލޭނު އެޅުމުގެ ހުއްދަ ކުންފުނި ތަކަށް ދީފިނަމަ، މަސްވެރިން ބަނގުރޫޓުވާނެ ކަމަށާއި، އެކަން ނުކުރުމަށް ސަރުކާރުގެ ކިބައިން އެދޭ ކަމަށެވެ. މަސްވެރިންގެ ޔޫނިއަންއިން ބުނީ ލޭނު އެޅުމަކީ ފެށުނީއްސުރެ މަސްވެރިން ދެކޮޅު ހަދާ ކަމެއް ކަމަށާއި، އަދި އެއީ މަސްވެރިންގެ އާންމުދަނީއަށް އިންތިހާއަށް އަސަރު ކުރާނެ ކަމެއް ކަމުގައި ސަރުކާރުގައި ބުނެފައިވާނެ ކަމަށެވެ. ޔޫނިއަން އިން ބުނީ ލޭނު އަޅަން ހުއްދަ ދޭންޖެހޭނީ ކަންނެލި މަސްވެރިކަމަށް އެންމެ ދަށް އަގު ސަރުކާރުން ކަނޑައެޅުމަށް ފަހު ކަމަށެވެ.

ދެވަނަ ކަމަކަށް މަސަވެރިން ސަރުކާރަށް ޑިމާންޑް ކުރީ، އެއްގަމު ސެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް ކަންނެލި މަސްވެރިންނަށްވެސް ޑީސަލް ގަންނަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމެވެ. އެ ޔޫނިއަން އިން ބުނީ އެ ދެކަމަށްވެސް ސަރުކަރުން އެއްބަސްވެފައިވާ ކަމަށެވެ.

މަސްވެރިން ދެން ސަރުކާރަށް ގޮވާލީ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯއަށް މަސްވެރިން ކިރުވާފައިވާ މަހުގެ އަގަށްވާ ފައިސާ އަވަހަށް ދިނުމަށެވެ.

މަސްވެރިން އިއްޔެ ކުރި އިހުތިޖާޖާއި ގުޅިގެން ސަރުކާރުން މިހާރު ވަނީ އެއްގަމު ޝެޑް ތަކުން ޑީސަލް ލިބޭ އަގަށް މަސްވެރިންނަށްވެސް ޑީސަލް އަގު ހެޔޮކޮށްފިކަން އިއުލާނު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *