މިވަގުތަކީ ފަލަސްތީނުގެ ރައްޔިތުންނަށް ވީއެންމެ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށާއި، މިވަގުތު ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށް ނުދެވިއްޖެނަމަ ދެން ދައްކާނެ އެހެން ވާހަކައެއް ނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ފަަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން "ފަލަސްތީނާއެކު ދިވެހީން" ގެ ނަމުގައި މިއަދު ފެށި ޓެލެތޯން ފައްޓަވައި ދެއްވަމުން ރައީސް ވިދާޅުވީ މިވަގުތު ފަލަސްތީނަށް ދިވެހިންގެ ފަރާތުން ދޭ އެހީތެރިކަން ކުރިއަށްވުރެވެސް އިތުރު ކުރަންޖެހޭ ކަމަށެވެ.
ޕީއެސްއެމް އިން ކުރިއަށް ގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ހަމައެކަނި އިޒްރޭލާއި ފަލަސްތީނުގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށް ބަލައިގެން، ލޯ މަރާލައިގެން ތިބެވެން ނެތް ކަމަށާއި، ފަލަސްތީނުގެ މައްސަލައަކީ މުޅި އިސްލާމީ އުންމަތުގެ މައްސަލައެއް ކަމަށެވެ. އެހެންކަމުން މިފަދަ ކޮންމެ ކަމެއްގައިވެސް އިސްލާމީ އުންމަތް އެކުގައި ޝާމިލްވާންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެވެސް ހައްގެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް ކަމުގައި ބަލަންޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިއީ ދީލަތިވުމުގައި އިންތިހާއަށް ދާންޖެހޭ ކަމެއް ކަމަށެވެ.
"މިއޮތީ އަޅުގަނޑުމެން މުސްލިމުން ކުރިމަތީގައި އެންމެ ބޮޑު މައްސަލަ. މީގެ ކުރިން މި މައްސަލަ ބޮޑު ނުވާވަރަށް ބޮޑުވެފައި." ރައީސް ވިދާޅުވިއެވެ.
ޕީއެސްއެމް އިން ބުނީ މިއަދު ފެށި ޓެލެތޯން ކުރިޔަށްދާނީ މިއަދު ހެނދުނު 8 ން ފެށިގެން މިރޭ ދަންވަރު 12 ޖެހުމާއި ހަމައަށް ކަމަށެވެ. މި ޓެލެތޯނުގައި ފަލަސްތީނަށް އެހީވުމަށްޓަކައި މާލެ ސަރަހައްދުގައި 13 ފަންޑުފޮށި މިއަދު ބަހައްޓާފައިވާނެ ކަމަށެވެ. މާލެއިން ފޮށި ބަހައްޓާފައިވަނީ ވެލާނާގެ ބިލްޑިންގް ސަރަހައްދާއި، އެސްޓީއޯ އިމާރާތް ހިމެނޭ ސަރަހައްދާއި، އެމްޕީއެލް އާއި ސްޓެލްކޯ އާއި ފެރީ ޓާމިނަލް ތަކާއި އެސްޓީއޯ ސުޕަމާކެޓު ސަރަހައްދުގައެވެ. އަދި ޓީވީއެމްގެ ގޯތި ތެރޭގައިވެސް ފޮއްޓެއް ބަހައްޓާފައިވެއެވެ.
ހުޅުމާލެއިން ފަންޑުފޮށި ބަހައްޓާފައިވާ ސަރަހައްދު ތަކަކީ ފޭސް އެކަކުން ހުޅުމާލޭ ހޮސްޕިޓަލާއި، ފޭސް 2 ގެ ހިޔާ ޓަވަރު ސަރަހައްދެވެ.