ޙައްޖަށްދާ އެންމެ ފަހު ގްރޫޕް މިއަދު ޙައްޖަށް ފުރުމުގެ ކުރިން ޝަހީމް ނޫސްވެރިންނާ ބައްދަލު ކުރެއްވުން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އުސޫލާ ޚިލާފަށް އެއްވެސް މީހަކު ޙައްޖަށް ފޮނުވާފައި ނުވާނެ: ޝަހީމް

އުސޫލާ ޚިލާފަށް އެއްވެސް މީހަކު ޙައްޖަށް ފޮނުވާފައި ނުވާނެ: ޝަހީމް

ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ 50 މީހުން ހޮވުމުގައި އުސޫލާ ޚިލާފު ނުވަތަ އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަމިއްލަ ޚަރަދުގައި ޙައްޖަށް ދެވޭނެ ތަނަވަސްކަން ލިބިފައިނުވާ 1،000 މީހުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ސަރުކާރުން ވަނީ 50 މީހަކު ސަރުކާރުގެ ޚަރަދުގައި ހައްޖުގެ އަޅުކަމަށް ފޮނުވާފައެވެ. އެ 50 މީހުން ހޮވައިފައި ވަނީ ފަގީރުންގެ ދަފްތަރުން ގުރުއަތު ނަގައިގެންނެވެ. ނަމަވެސް އެ 50 މީހުންގެ ތެރޭގައި އާމްދަނީ ލިބޭ އަދި ތަނަވަސްކަން ހުރި މީހުން ތިބި ކަމަށް ބައެއް ފަރާތް ތަކުން ދަނީ ބުނަމުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާވަޑައިގަތުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީމު މިއަދު ވިދާޅުވީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ގުރުއަތުން ހޮވުނު މީހެއް ޙައްޖަށް ފޮނުވާތީ އެކި ގޮތަށް މީހުން ވާހަކަ ދައްކާ ކަމަށެވެ. ޝަހީމު އެދިވަޑައިގަތީ ސަރުކާރުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުވުން ސިޔާސީ ނުކުރުމަށެވެ.

"ސަބަބަކީ މިއީ ބައެއްގެ އަޅުކަމާއި ގުޅޭ ކަމެއް. މި ކަމަކީ އަޅުކަން ކުރަން ގޮސްފައި ތިބި ފަރާތްތަކާއި، އެ މީހުންގެ އާއިލާ ތަކަށް ލިބިފައި ހުރި އުފާވެރިކަން ނިގުޅައިގަތުމަށް އަޅުގަނޑުމެން މަސައްކަތް ކޮށްގެން ނުވާނެ. މީހަކަށް ޙައްޖު ކުރުމުގެ ފުރުސަތު ލިބުމީ މާތްﷲ މި ދުނިޔޭގައި މުސްލިމަކަށް ދެއްވާނެ ވަރަށް މަތިވެރި އުފަލެއް. އެ އުފަލުގައި އެ މީހުންގެ އާއިލާތަައް ބައިވެރިވޭ، ދަރިން ބައިވެރިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

"މިއީ އެއްވެސް ޕާޓީއެއްގެވެސް، މިނިސްޓަރެއްގެވެސް، އެއްވެސް މީހެއްގެ ނުފޫޒެއް އޮތް ކަމެއް ނޫން. ގުރުއަތުން ނެގުނު މީހުންތައް މީޑިޔާ ކުރިމަތީގައި، ސްކޫލް ދަރިވަރުން އައިސްގެން ލިސްޓުން ގުރުއަތުން މީހުން އިހްތިޔާރު ކުރެވުނީ،"  ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފަގީރުންގެ ލިސްޓް ރިވިއު ކޮށްފައި ނުވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ފަގީރުންގެ ލިސްޓު ރިވިއު ކުރުމުގެ ކަންކަން ކުރަމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *