މަސްވެރިންގެ އަޑު: ބޮޑު ކަންނެލީގެ މަސްވެރި ކަމަށް ލޭނު އަޅަން ހުއްދަ ދީފިނަމަ އަހަރެމެން ބަނގުރޫޓުވާނެ

މަސްވެރިންގެ އަޑު: ބޮޑު ކަންނެލީގެ މަސްވެރި ކަމަށް ލޭނު އަޅަން ހުއްދަ ދީފިނަމަ އަހަރެމެން ބަނގުރޫޓުވާނެ

މަސްވެރިކަމުގެ ހާލަތު މިހާރު އޮތްގޮތް ރަނގަޅު ނުކޮށް ބޮޑުކަންނެލީގެ މަސްވެރި ކަމަށް ލޭނު އަޅަން ހުއްދަ ދީފިނަމަ، އާންމު މަސްވެރިން ބަނގުރޫޓުވާނެ ކަމަށް، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)އިން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ މިފަހުން ބޮޑުކަންނެލީގެ މަސްވެރިކަން ފުޅާ ކުރުމަށް ލޭނު އެޅުމުގެ ހުއްދަ ދިނުމާއި ގުޅޭގޮތުން އެކި ފަރާތްތަކާ މަޝްވަރާ ކޮށްފައެވެ.  ބީކޭއެމްޔޫއިން ނެރުނު ނޫސް ބަޔާނުގައި ބުނީ ލޭނު އެޅުން ހުއްދަ ކުރުމަކީ އާންމު މަސްވެރިންގެ ބަދަލުގައި މަދު ކުންފުނި ތަކަކަށް ފައިދާވާނެ ކަމެއް ކަމަށާއި، ލޭނު އެޅުމަށް ބީކޭއެމްޔޫއިން ތާއީދު ކުރާކަމެއް ނޫން ކަމަށެވެ.

ބޮޑުކަންނެލީގެ މަސްވެރި ކަމަށް ލޭނު އެޅުން ހުއްދަ ކުރުމުން ބޭރު އަދި ދިވެހި ކުންފުނި ތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރު ކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދާނެ ކަމަށާއި އެކަމުގެ ސަބަބުން އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެވިއްކުމާއި، ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރުވެ، ދިވެހި އަތުނަނު ކަންނެލި އޮޑި ތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އަގު ދަށްވާނެ ކަމަށް ބީކޭއެމްޔޫއިން ބުންޏެވެ.

"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ޚަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރި ކަމަށް އިންވެސްޓު ކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރި ކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓު ވާނެއެވެ،" އެ ބަޔާނުގައިވެއެވެ.

"އެހެން ކަމުން މި ޖަމިއްޔާގެ މުހިންމު ޑިމާންޑެއް ކަމުގައިވާ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު (80 އާއި 100ރ.) ރިޔާސީ އިންތިޚާބުގައި މި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަނޑައެޅުމަށާއި މިފްކޯއިން ކަންނެލި ގަންނަން ފެށުމަށްފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުކުރުމަށް ސަރުކާރަށް ގޮވާލަމެވެ،" ބީކޭއެމްޔޫގެ ބަޔާނުގައިވެ އެވެ.

ބީކޭއެމްޔޫއިން ބުނީ ކިރާ ކަންނެއްޔަށް ދުވަހުން ދުވަހަށް މިހާރުވެސް ފައިސާ ނުލިބޭ ކަމަށާއި ސަރުކާރުން ހައްލު ކުރަންވީ މައްސަލައަކީ އެއީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *