ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު ރައީސް މުއިއްޒަށް ފޮނުވައިފި

ބޮޑުވަޒީރު ކަމުގެ ހުވާ މޯދީ ކުރައްވާ ރަސްމިއްޔާތުގެ ދައުވަތު ރައީސް މުއިއްޒަށް ފޮނުވައިފި

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ބޮޑު ވަޒީރު ކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންޑިޔާއިން އިއްޔެ ދެއްވައިފިއެވެ.

މޯދީ ހުވާ ކުރައްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުއެވެ.  އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެދި ރައީސް މުއިއްޒަށް، އިންޑިޔާ ސަރުކާރުން ފޮނުއްވި ދައުވަތު އެ މަނިކުފާނު ގަބޫލުފުޅު ކުރެއްވި ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ސާފުވާ ގޮތް ވަނީ ނުވެފައެވެ. ރައީސް އޮފީހުންވެސް އެކަމާއި ގުޅިގެން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މޯދީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރައީސް މުއިއްޒު، މޯދީއަށް މަރުހަބާ ދަންނަވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ތަރައްގީ އާއި ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.  ރައީސް މުއިއްޒުގެ ޕޯސްޓް ކުއޯޓް ކުރައްވައި މޯދީ ވިދާޅުވެފައި ވަނީ ރާއްޖެއަކީ އިންޑިޔާއަށް މުހިންމު ގައުމެއް ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާން ބޭނުންވާ ކަމަށެވެ.

ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެދި ދިވެހި ސަރުކާރުން ވަނީ މޯދީއަށް ދައުވަތު ފޮނުއްވައިފައެވެ. ނަމަވެސް މޯދީގެ ބަދަލުގައި އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިޔާގެ އާތު އެންޑް ސައިންސް މިނިސްޓަރު ކިރެން ރިޖިޖޫއެވެ.

މޯދީ، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތީ އިންޑިޔާގައި އެ ދުވަހު އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *