އިޒްރޭލް މީހުން ރާއްޖެ އައުން ހުއްޓުވަން ޤާނޫނުތައް ބަދަލު ކުރަން ނިންމައިފި

އިޒްރޭލް މީހުން ރާއްޖެ އައުން ހުއްޓުވަން ޤާނޫނުތައް ބަދަލު ކުރަން ނިންމައިފި

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޤާނޫނު ތަކަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

އެކަމާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ކުއްލި ނިއުސްކޮންފަރެންސްގައި، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ފަލަސްތީނު މައްސަލައިގައި އިޒްރޭލާއި  ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް ރާއްޖެއިން އަޅަމުން ގެންދާނެ ކަމަށެވެ.

އެގޮތުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތައް އިސްލާހު ކުރުމަށް ވަޒީރުންގެ މަޖިލިހުގެ ކޮމިޓީއެެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

" އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އަޅުގަނޑު، ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތުމުން އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ރައީސް ބޭނުންފުޅުވަނީ  ވީހާވެސް އަވަހަކަށް އެ މައްސަލައަށް ހައްލެއް ލިބުން ކަމަށެވެ.

މީގެއިތުރުން ރާއްޖެއިން ފަލަސްތީނުގެ ފަރާތުން އެދޭ ކަންކަން ދެނެގަތުމަށް ރައީސް ސްޕެޝިއަލް އެންވޯއިއެއް ކަނޑައެޅުމަށާއި "ފަލަސްތީނާއެކު ދިވެހިން" މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަންވެސް ވަނީ ނިންމައިފައެވެ.

ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތް ތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތް ތަކެއް ހިންގުމަށާއި ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުން ތަކެއް ބޭއްވުމަށްވެސް ކެބިނެޓުން ވަނީ ނިންމައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *