އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން އެމްޑީޕީގެ ފަރާތުން ޤާނޫނަށް އިސްލާޙު ހުށަހަޅައިފި

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން އެމްޑީޕީގެ ފަރާތުން ޤާނޫނަށް އިސްލާޙު ހުށަހަޅައިފި

"ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު" އިސްލާހު ކޮށްގެން އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިއްޔެ ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ، 19 ވަނަ މަޖިލީހުގެ މެމްބަރުކަން ކުރައްވައި، 20 ވަނަ މަޖިލީހުގެ މެމްބަރުކަންވެސް ކަށަވަރު ކުރެއްވި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

"ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު" ގެ 8 ވަނަ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ 7 ކެޓަގަރީއެއްގެ މީހުން ކަނަޑައަޅައިފައެވެ.

މީކާއީލް އިސްލާހު ހުށަހެޅުއްވީ އިމިގްރޭޝަންގެ ޤާނޫނުގެ 8 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގެ ފަހަތަށް އިތުރު ނަންބަރެއް އިތުރުކޮށް އިޒްރޭލު ޕާސްޕޯޓާއި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ އެހެން މީހުންވެސް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށް ޤާނޫނަކުން ކަނޑައެޅުމަށެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވަން ޖެހުނީ އިޒްރޭލުން، ފަލަސްތީނުގެ ދަރިފަސްކޮޅޮ ނައްތާލުމަށް ހިންގަމުންދާ ޤަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުންނާއި ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާ ކުރުމަށް ސަރުކާރަށް ގޮވާލައި، 19 ވަނަ މަޖިލީހުން ޤަރާރެއް ފާސް ކުރުމުންވެސް ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލު ކުރާނެ ގޮތެއް ސާފު ކޮށްދީފައި ނުވާތީ ކަމަށް މީކާއީލް ވިދާޅުވިއެވެ.

އަދި ސަރުކާރުން އިޒްރޭލް ޕާސްޕޯޓް މަނާ ކުރާނެ ވަކި ދުވަހެއް ނޭނގޭތީ، ސީދާ ޤާނޫނުން، އިޒްރޭލު ޕާސްޕޯޓް މަނާ ކުރަން އިސްލާހު ހުށަހެޅުއްވީ ކަމަށް މީކާއީލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *