މީހަކު ރަހީނުކޮށް ބިރުދައްކައި ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހަކު ރަހީނުކޮށް ބިރުދައްކައި ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މާލެއިން މީހަކު  ރަހީނުކޮށް ބިރު ދައްކައި އަދި އެ މީހާ އަތުން ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ފ. ނިލަންދޫއަށް ނިސްބަތްވާ ދެ މީހުންނެވެ.

އެ ދެ މީހުން ހައްޔަރު ކުރުމަށްފަހު އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެވަނީ ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނީ އަންހެން މީހާ ހައްޔަރު ކޮށްފައި ވަނީ އެ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާ މަންޒިލް ގެއިން ކަމަށެވެ. އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގައި ކަމަށް ފުލުހުން ބުންޏެވެ.

މައްސަލާގައި ހިމެނޭ ފިރިހެން މީހާވެސް ހައްޔަރު ކޮށްފައި ވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް އަންހެން މީހާ ބުނުމުން  އެ ގެ ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އެ ގެއިން ވަނީ ލަކުޑި ބުރިތަކާއި ދަނޑިބުރި ތަކެއްވެސް ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަ ތަކަށް އަދި ފުލުހުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން އަމުރު ކުރީ އަންހެން މީހާގެ ބަންދަށް 10 ދުވަސް އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖެހުމަށެވެ. އެ މީހުން ބަންދު ކުރަން އަމުރު ކުރީ މުޖުތަމައުގެ ސަލާމަތަށާއި ހެކިވެރިންނަށް ނުފޫޒު ފޯރުވައިފާނެ ކަމުގެ އިހުތިމާލު އޮތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *