ވަގުޓީޓީން ވިޔަފާރީގެ ދައުވާކުރި ޝިފާއަށް ސިޔާސީ މަގާމެއް ދިންތާ 4 ދުވަސް ފަހުން ވަކިކޮށްފި

ވަގުޓީޓީން ވިޔަފާރީގެ ދައުވާކުރި ޝިފާއަށް ސިޔާސީ މަގާމެއް ދިންތާ 4 ދުވަސް ފަހުން ވަކިކޮށްފި

ސައްހަ ނޫން (ވަގު) ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނި ތަކުން ވިޔަފާރި ކުރަމުން ދިޔަ މައްސަލާގައި ދައުވާކުރި،  މއ. ހަނީސަކްލް-1، ހުސައިން ޝިފާއުއަށް، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރިތާ 4 ދުވަސްފަހުން އޭނާ މަގާމުން ވަކިކޮށްފިއެވެ.

އޭނާ އައްޔަން ކުރީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.  ނަމަވެސް މިއަދު އޭނާ ވަނީ އެ މަގާމުން ވަކި ކޮށްފައެވެ.

ސަރުކާރު އޮފިޝަލަކު ވިދާޅުވީ، އޭނާއަށް ސީނިއާރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ދިނީ، އޭނާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައާބެހޭ މައުލޫމާތު ސަރުކާރަށް އެނގިފައި ނުވާތީ ކަމަށެވެ. އެ މައުލޫމާތު ސަރުކާރަށް އެނގުމުން އޭނާ މިއަދު މަގާމުން ވަކި ކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ނަމަކަށް ކިޔާ، އަމިއްލަ ފަރުދެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ހިންގި މުއާމަލާތް ތަކުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައެއްގައި، އޭނާ ހައްޔަރު ކުރީ މިދިޔަ އަހަރުގެ  އޭޕްރިލް 28، ގައއެވެ.

ނަމަވެސް އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ، ޖެހިގެން އައި މަހު ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސްފައެވެ.

އެހެން ކަމުން ފުލުހުން އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުނެވެ. އެކަމާގުޅިގެން ޝިފާއު އަމިއްލަ އަށް ރާއްޖެ އައެވެ. ބަންދު ނުކޮށް އޭނާގެ ދޫކޮށްލާގައި ވަނީ ޕާސްޕޯޓު ހިފަހައްޓައި ޝަރުތު ކޮށްފައެވެ.

ޝިފާއު ސިޔާސީ މަގާމަކަށް އައްޔަން ކޮށްފައިވީ ނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރައި ގެންގޮސްފައިނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *