ރިޕޯޓު ލިބުމުން، އާގިލްގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމާނަން: ޕީޖީ

ރިޕޯޓު ލިބުމުން، އާގިލްގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމާނަން: ޕީޖީ

އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށް، ހއ. ދިއްދޫ/ ސްނޯބާޑް، އިބްރާހީމް ވިޝާމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި، އެކަމާބެހޭ ރިޕޯޓުތައް ލިބުމުން، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެެނެރަލް އޮފީސް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ. ވިޝާމްގެ އިތުރުން ދެން ހިމެނެނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގެ، އަލީ މިޖުވާދު މާލިކު އިބްރާހީމް އެވެ. މީގެތެރެއިން ވިޝާމްގެ މައްޗަށް ދައުވާ ކުރީ 5 ޑިސެންބަރު 2019 ގައެވެ.

ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ ދަށުން އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.

އެ ދައުވާކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައި ވަނީ، 31 އޮގަސްޓް 2018 ދުވަހު 14:00 އާއި 17:00 އާ ދެމެދުގެ ވަގުތެެއްގައި، ވ. ފުލިދޫއިން މާލެއަށް އައުމަށް އާގިލަށް ލޯންޗެއް ހަމަޖައްސައިދީ، އެ ދުވަހުގެ 17:30 ހާއިރު، އާގިލާއެކު ފުލިދޫން މާލެއަށް އައި "ސްކަލް ރައިޑަރ" ލޯންޗުގައި އިނދެ އެ ލޯންޗު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދިމާލަށް ލަފާނެ ކަމުގެ މައުލޫމާތު ކ.މާފުށި ސްވީޓްމީޑު އަހްމަދު މާހިރުއަށްދީ، އާގިލް މަރައިލުމަށް އެހީތެރިވެފައި ވާތީ އާއި، ހަމައެދުވަހު 19:30 ހާއިރު، އެލޯންޗު އެމްއެމްއޭއާއި  ދިމާލުން ބޮޑުތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ގާތް ކުރި ވަގުތު އާގިލު އެލޯންޗުން ފޭބުމުން، ހަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުން ކޮށްގެން އާގިލަށް ހަމަލާ ދިނުމުން ލިބުނު އަނިޔާ ތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް، ހަމަ އެދުވަހު 20:59 ހާއިރު އޭނާ ނިޔާވެފައި ވާތީއެވެ.

މި މައްސަލައާއި ގުޅިގެން ހަމްދޫން ހަމްޒަތުގެ މައްޗަށް 1 ނޮވެންބަރު 2018 ގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އަލީ މިޖުވާދު މާލިކު އިބްރާހީމްގެ މައްޗަށް ވެސް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އެއީ ހަމްދޫން ހަމްޒަތު އާގިލަށް ހަމަލާ ދިނުމުން އަލީ މިޖުވާދު މާލިކު އިބްރާހީމް ދުއްވަން އިން ސައިކަލުގައި ހަމްދޫން ހަމްޒަތު ގޮވައިގެން އެތަނުން ފިލާފައިވާތީ އާއި، އާގިލް ނިޔާވި މައްސަލައިގައެވެ.

މި މައްސަލައިގައި ވިޝާމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތު ނުވާކަމަށް، ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރި ނަމަވެސް އަލީ މިޖުވާދު މާލިކު އިބްރާހީމް އާއި ހަމްދޫން ހަމްޒަތުގެ ބައި ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. ނަަމެސް އެ ދެމީހުންގެ ބައި ވެސް މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *