ވަރި ގިނަވާ ސަބަބު ގާޒީގެ ދުލުން- އަނބިމީހާއަށް ފިރިމީހާ ވަގުތު ނުދިނުން، ފިރިމީހާއަށް އަނބިމީހާ ކިޔަމަންތެރި ނުވުން

ވަރި ގިނަވާ ސަބަބު ގާޒީގެ ދުލުން- އަނބިމީހާއަށް ފިރިމީހާ ވަގުތު ނުދިނުން، ފިރިމީހާއަށް އަނބިމީހާ ކިޔަމަންތެރި ނުވުން

ރާއްޖޭގައި ވަރިވާން އެންމެ ގިނަ އަންހެނުން ކޯޓަށް ދަނީ ފިރިމީހާ ވަގުތު ނުދޭ ކަމަށް ބުނެ ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ އާއިލާ ތަކުގެ ދުވަހާ ގުޅިގެން ގާޒީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފެމިލީ ކޯޓަށް ހުށަހަޅާ މައްސަލަ ތަކަށް ބަލާއިރު ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާނުން ހޭލުންތެރިކަން ކުޑަކަން ފާހަގަ ކުރެވޭ ކަމަށެވެ.

އެ ހާލަތު ރަނގަޅު ކުރަން ތައުލީމީ މަރުހަލާ ތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބު ތަކަށް ބަލާއިރު، ޖެހޭ މައްސަލަ ތަކުގެ ބޮޑުމިނަށްވުރެ ފާހަގަ ވަނީ ކުދިކުދި މައްސަލަތައް ހައްލުނުވެ، ގިނަ ދުވަސް ވެގެން ދިއުމާއި ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމެވެ. ކަންކަން ހިއްސާ ކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަ ކަމެވެ،" އިސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އަނބިމީހާ ވަރި ކުރަން އެދި ހުށަހަޅާ މައްސަލަ ތަކުގައި އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ އާއި ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީ ނުވިކޭތީ އަދި ފިރިމީހާއަށް އިހުތިރާމް ނުކުރާތީ ކަމަށް ވަރަށް ގިނަ ފިރިހެނުން ފާހަގަކުރާ ކަމަށެވެ.

ވަރިވާން އެދޭ އަންހެނުންގެ ވާހަކަ ތަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅައި ނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ. ރައްޓެހިންނާއެކު ކޮފީ ތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު، އަނބިމީހާއަށް ވަގުތު ނުދޭ ކަމާއި، އަނބިމީހާގެ އުދާސްތައް ބޭރުކޮށްލަން އޭނާގެ ވާހަކަ އަހާނެ ކަންފަތެއް ގޭތެރޭގައި ނުލިބޭކަމީވެސް ވަރަށް ގިނަ އަންހެނުން ކުރާ ހައްގު ޝަކުވާއެއް ކަމަށް ގާޒީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *