މުޅިން އާ ރެކޯޑަކާއެކު 530 ޖަލްސާއަށް ފަހު, މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރުގެ މަސައްކަތްތައް މިއަދު ނިންމާލައިފިއެވެ.
އެންމެ ފަހު ޖަލްސާގެ ގޮތުގައި މިއަދު ބޭއްވި ޖަލްސާއަކީ 19 ވަނަ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 26 ވަނަ ޖަލްސާއެވެ.
ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި މި ވޭތުވެދިޔަ 92 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި, މި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރި މަޖިލީހުގެ ގޮތުގައި ކަމަށެވެ. 28 މެއި 2019 ގައި ފެށުނީއްސުރެ މިއަދާއި ހަމައަށް 19 ވަނަ މަޖިލީހުގެ ޖުމުލަ 530 ޖަލްސާ ބާއްވާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"މަޖިލިސް ޖަލްސާ ތަކުގައި ޖުމްލަ 14061 ގަޑިއިރު ހޭދަ ކުރެވިފައިވޭ، 19 ވަނަ މަޖިލީހުގެ ކޮމިޓީ ތަކުގެ ޖުމުލަ 3784 ބައްދަލުވުން ބޭއްވިފައިވޭ، 4434 ގަޑިއިރާއި 23 މިނިޓް ކޮމިޓީ ތަކުގެ ބައްދަލުވުން ތަކުގައި މެންބަރުން ހޭދަ ކުރައްވާފައިވޭ، މި ދެންނެވި ވަގުތުގެ ތެރޭގައި ޖުމްލަ 178 ބިލާއި 73 ޤަރާރާއި ސަރުކާރުން ހުށަހެޅުއްވި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްްސަލަ އާއި މެންބަރުން ހުށަހެޅުއްވި 48 މައްސަލަ އާއި އެކި މައްސަލަތަކާއިގުޅޭ 153 ރިޕޯޓް، އަދި ވަޒީރުންނާ ކުރެވުނު 384 ސުވާލުގެ މަސައްކަތް މިވަނީ އެއްކޮށް ނިންމާފައި،" އަސްލަމް ވިދާޅުވިއެވެ.
މިއަދު 19 ވަނަ މަޖިލިސް ނިންމާލާފައި ވަނީ 92.95 ޕަސެންޓް މަސައްކަތް ހާސިލު ކުރުމަށް ފަހުގައެވެ.
އަސްލަމް ވިދާޅުވީ 19 ވަނަ މަޖިލީހުން މުހިންމު ބިލު ތަކެއް ފާސްކޮށް ޤާނޫނު ތަކަށް މުހިންމު އިސްލާހު ތަކެއް ގެނެސްފައިވާ ކަމަށެވެ. އޭގެތެރެއިން ބައެއް ބިލުތައް އަސްލަމް ފާހަގަ ކުރެއްވިއެވެ.
އޭގެއިތުރުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނުވަތަ އެ ޚިދުމަތް ތަަކަށް ފަސޭހަ ކަމާއެކު ވާސިލު ވެވޭނޭ މަގު ފަހިކޮށް ދިނުމަށް މެންބަރުން ގިނަ ޤަރާރު ތަކަކާއި ކުއްލި މައްސަލަ ތަކެއް ހުހަޅުއްވައި ފާސް ކުރެއްވިކަންވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ފެނާއި ނަރުދަމާގެ މައްސަލަތައް ހައްލު ކުރުމަށާއި، ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށް ދިނުމަށާއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ބިލުތައް ހުށަހަޅުއްވި ކަމަށާއި ކައުންސިލުތައް ބާރުވެރި ކުރުމަށާއި، ކުދި ވިޔަފާރި ތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ގޮތުން ޤަރާރު ތަކާއި މައްސަލަަތައް މެންބަރުން ހުށަހެޅުއްވިކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
ޚާއްސަކޮށް ކޮވިޑް 19 ގެ ބަލި މަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުން ތަކާއެކުވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސް އިޖުތިމާއީ ގޮތުންނާއި އިޤްތިސާދީ ގޮތުން ރާއްޖެ ހަމަ މަގަށް އަޅުވަން މަޖިލީހުން ކުރި މަސައްކަތްތަކާއި، އެކަމުން އަރައި ގަތުމަށް ކުރި މަސައްކަތްތައްވެސް ފާހަގަ ކުރެއްވިއެވެ.
އަސްލަމް ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހޮއްވަވައި ދެއްވި ކަމަށްޓަަކައި އައްޑޫގެ ރައްޔިތުންނަށާއި، އަދި އޭނާ ނިސްބަވްވެ ވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
އަސްލަމް ވަނީ މަޖިލީހުގެ ހަތަރު ދައުރު ޖުމުލަ 20 އަހަރު ހޭދަ ކުރައްވައިފައެވެ. ނަމަވެސް މިފަހަރުގެ މަޖިލިސް އިންތިހާބު އޭނާއަށް ވަނީ ނާކާމިޔާބުވެފައެވެ.