ރައްޔިތުންގެ މަޖިލީހުގެ 33 ޕަސެންޓު ގޮނޑި އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅި ބިލެއް މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
މި ބިލް ހުށަހެޅުއްވި މައިގަނޑު ބޭނުމެއްގެ ގޮތުގައި ރޮޒައިނާ ވިދާޅުވެފައި ވަނީ މަޖިލީހަށް އިންތިޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ޤާއުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް، ގައުމުގެ މުހިންމު ނިންމުތަކުގައި އަންހެނުންގެ ބަސް ހިމެނުމެވެ.
އަދި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތު ތަކެއް ހުޅުވާލަދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރު ކުރުން ކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.
މިބިލް މަޖިލީހަށް ބަލައިގަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 48 މެންބަރުންގެ ތެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރޮޒައިނާ އިސްލާހު ހުށަހަޅުއްވާފައި ވަނީ ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް ތިން އަކުރެއް އިތުރު ކުރުމަށެވެ. އެއީ:
މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން %33 ހާއްސަކުރަން ވާނީ އަންހެނުންނަށެވެ.
މި މާއްދާގެ (ށ) ގެ ދަށުން އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތު ލައިގެންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަންހެން މެންބަރުން އިންތިޚާބު ކުރާނެ ދާއިރާތައް ކަނޑަ އަޅާނީ މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރު ވަމުންދާ ގޮތަށެވެ. އަދި މި އުސޫލު ކަނޑައަޅާނެ ގޮތް ޤާނޫނަކުން ބަޔާން ކުރަންވާނެއެވެ.
މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ އެންމެހާ ދާއިރާތައް މި މާއްދާގެ (ނ) ގައި ބަޔާން ކުރާ ކޯޓާގެ ދަށުން ތަމްސީލުވެ ނިމުމުން، އެ އަކުރުގައިވާ ނިސްބަތުން އަންހެނުން ދެން އިންތިޚާބު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައަޅަން ވާނެއެވެ.