ކޯރަމް ހަމަވޭތޯ ދެފަހަރު ބެލި، އެކަމަކު ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއްނުވި

ކޯރަމް ހަމަވޭތޯ ދެފަހަރު ބެލި، އެކަމަކު ކޯރަމް ހަމަނުވެގެން ޖަލްސާ ބޭއްވޭ ގޮތެއްނުވި

ޖަލްސާ ބޭއްވުމަށް ބޭނުންވާ ކޯރަމް ހަމަވޭތޯ ދެ ފަހަރެއްގެ މަތިން ބެލުމަށްފަހު ކޯރަމް ހަމަނުވެގެން ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއެއް ނުބޭއްވުނެވެ.

ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާ ފެށުމަށް ބޭނުންވާ ވަރަށް ކޯރަމް ހަމަވޭތޯ ގާތް ގަނޑަކަށް 9:20 އާ ހަމައަށް ބެއްލެވުމަށްފަހު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، 10:00 ގައި ޖަލްސާ ފަށަން ބޭނުންވާ ވަަރަށް ކޯރަމް ހަމަވޭތޯ ބެއްލެވުމަށް ޖަލްސާ މެދު ކަނޑުއްވައި ލެއްވިއެވެ. ނަމަވެސް އެ ގަޑިއަށް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވާ އަދަަދަކަށް މަޖިލިސް ތަޅުމަށް މެންބަރުން ވަޑައެއްނުގެންނެވިއެވެ.

އެހެން ކަމުން މެންބަރުން ވަޑައިގަންނަވާތޯ 10:20 އަށް ބެއްލެވުމަށް ފަހު މަޖިލީހުގެ ރައީސް ވިދާޅުވީ، ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަވާ ވަރަށް މަޖިލީހުގެ ގޯތި ތެރޭގައި މެންބަރުން އެބަ ތިއްބެވި ކަމަށެވެ. އެހެން ކަމުން 11:00 ގައި ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަވޭތޯ ބެެއްލެވުމަށް އަނެއްކާވެސް ޖަލްސާ މެދުކަނޑުއްވައި ލެއްވިއެވެ. މިއަދުގެ ޖަލްސާއާ މެދު ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެގަޑިއަށްވެސް މެންބަރުން ތަޅުމަށް ވަޑައިނުވެންނެވުމުން 11:07 ވަންދެން ބެއްލެވުމަށްފަހު މަޖިލިސް ރައީސް ވިދާޅުވީ ޖަލްސާގެ ކޯރަމް ހަމަވޭތޯ ތަކުރާރުކޮށް ބެލިއްޖެ ކަމަށެވެ. އަދި ކޯރަމް ބެލް ޖަހައިގެންވެސް ކޯރަމް ހަމަވާވަަރަށް މެންބަރުން ވަޑައިއެއް ނުގެންނެވި ކަމަށެވެ. މަޖިލިސް ފްލޯގައި ތިއްބެވީ އެންމެ 10 މެންބަރުން ކަމަށް ވިދާޅުވެ، އަސްލަމް މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ އެންމެ މަސައްކަތެކެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

މަޖިލިސް ތަޅުމުގައި ކުރަން ހުރި މަސައްކަތްތައް މަދު ނަމަވެސް، ކޮމިޓީ ތަކުގައި ގިނަ މަސައްކަތް ތަކެއް ހުރިކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ފާހަގަ ކުރައްވައިފައެވެ. މި ދުވަސްކޮޅު ކުރިއަށް ދަނީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާތައްކަން ފާހަގަ ކުރައްވައި އަސްލަމް ވަނީ ކޮމިޓީ ތަކުގެ މަސައްކަތްތައް ނިންމުމަށް މުޤައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *