މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުޙަންމަދު އަސްލަމް. ފޮޓޯ: މަޖިލިސް އިދާރާ

މަޖިލީހުގެ ދައުރު ނިމެންދާއިރު، ވަޒީރުންނާ ކުރަންޖެހޭ 21 ސުވާލު، ޖަވާބު ދޭންޖެހޭ 322 މައްސަލަ

މަޖިލީހުގެ ދައުރު ނިމެންދާއިރު، ވަޒީރުންނާ ކުރަންޖެހޭ 21 ސުވާލު، ޖަވާބު ދޭންޖެހޭ 322 މައްސަލަ

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމެންދާއިރު، ވަޒީރުންނާ ސުވާލު ކުރުމަށް މެންބަރުން ހުށަހަޅާފައިވާ 21 ސުވާލު މިވަގުތު ނުކުރެވި އެބައޮތް ކަމަށާއި، އެކި ފަރާތް ތަކުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީ ތަކާއެކު ޖަވާބު ދޭންޖެހޭ 322 މައްސަލަ އެބައޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު ކުރިއަށް މިދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާތައް ކަމަށެވެ. 19 ވަނަ މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ވަޒީރުންނާ ކުރުމަށް މެންބަރުން ހުށަހަޅުއްވާ ފައިވާ 21 މައްސަލަ މަޖިލިސް ތަޅުމުގައި އަދިވެސް އެބައޮތް ކަމަށެވެ. މަޖިލީހުގައި އާއްމުކޮށް އަމަލު ކުރަމުންދާ އުސޫލަކީ މަޖިލީހަށް ސުވާލުތައް ލިބި،  ސުވާލު ކުރަންޖެހޭ މުއްދަތު ޖެހުމުން އެ ސުވާލު ކުރައްވާ މެންބަރުންނާއި ސުވާލު ކުރަންޖެހޭ ވަޒީރުގެ ވަގުތައް ބަލައި،  މަޖިލިސް ބާއްވާ ދުވަސްތަަކަށް އެކަން ތާވަލް ކުރަމުން ގެންދިއުން ކަމަށެވެ.

ކުރަން ހުށަހަޅުއްވާފައިވާ ސުވާލުތައް ގިނަކަމުން މަޖިލީހުގައި މަސައްކަން ކުރަމުން ދިޔައީ، ކޮންމެ ދުވަހަކުވެސް އެއްސުވާލަށްވުރެ ގިނަ ސުވާލު މިނިސްޓަރުންނާ ކުރަން ޖަލްސާގައި ހިމަނައިގެން ކަމަށްވެސް މަޖިލީހުގެ ރައީސް  ވިދާޅުވިއެވެ. ނަަމަވެސް ވަޒީރުންނާއި، ސުވާލު ކުރަން ހުށަހަޅުއްވާފައިވާ މެންބަރަށް ވަގުތު ދެއްވެން ނެތުމުން މިއަދުގެ ޖަލްސާއަށް އެއްވެސް ސުވާލެއް އެޖެންޑާ ނުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން މާދަމާ ބާއްވާ މަޖިލިސް ޖަލްސާއަށްވެސް އިތުރު ސުވާލުތައް އެޖެންޑާ ކުރަން މަޖިލިސް އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެން ކަމުން ވަޒީރާ ސުވާލު ކުރައްވަން ބޭނުންފުޅު  ވާނަމަ އެކަމަށްޓަކައި މެންބަރުން ވަގުތު ހުސްކޮށް ދެއްވުމަށްވެސް އަސްލަމް ވަނީ އެދި ވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ މިނިސްޓަރުންނާ މެންބަރުން ކުރަން ހުށަހަޅުއްވާފައިވާ ސުވާލު ތަކުގެ ތެރޭގައި، ލިއުމުން ޖަވާބު ހޯއްދެވުމަށް އެދި ހުށަހަޅުއްވާފައިވާ ސުވާލެއްވެސް ހިމެނޭ ކަމަށެވެ. އެ ސުވާލަށް ޖަވާބު ހޯއްދަވައި މެންބަރާ ހިއްސާ ކުރައްވާނެ ކަމަަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *