ދާއިރާގެ ވޯޓުން މެންބަރުން ވަކިކުރެވޭ އިސްލާހު ޑިމޮކްރެޓުން އަނބުރާ ގެންގޮސްފި

ދާއިރާގެ ވޯޓުން މެންބަރުން ވަކިކުރެވޭ އިސްލާހު ޑިމޮކްރެޓުން އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތަށް ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެންގޮސްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލަކީ ހުސްވި އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލެއް ކަމަށެވެ. ނަމަވެސް މި ބިލު އިއްޔެ އަނބުރާ ގެންދަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ހުށަހަޅުއްވި އިސްލާހުގައި ވަނީ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ 5 ހާލަތެއް ބަޔާން ކޮށްފައިވެއެވެ.

ހަސަން ލަތީފް ޤާނޫނު އަސާސީއަށް ގެންނަ ހުށަހެޅި އިސްލާހުގައިވާ ބައިތައް:

1- މެންބަރުގެ އަމިއްލަ އިސްނެގުމަށް އިންތިޚާބުވި ޕާޓީ އަކުން ވަކިވުން ނުވަތަ އެހެން ސިޔާސީ ޕާޓީ އަކަށް ބަދަލުވުން.

2- އަމިއްލަ ގޮތުން އިންތިޚާބު ވެފައިވާ މެންބަރަކު ޕާޓީއެއްގެ މެންބަރަކަށްވުން.

3- ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވި މެންބަރަކު، އެ ޕާޓީގެ ނިންމުމަކާ ޚިލާފަށް މަޖިލީހުން ނުވަތަ މަޖިލީހުގެ ކޮމިޓީއެއްގައި ނިންމާ ނިންމުމެއްގައި ވޯޓު ދިނުމުގެ ސަބަބުން ޕާޓީގެ އަސާސީ ޤަވައިދާ އެއްގޮތަށް އޭނާ އިންތިޚާބުވި ދައުރުގެ ތެރޭގައި އޭނާ ޕާޓީގެ މެންބަރުކަމުން ވަކިކުރުން.

4- ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވި މެންބަރަކު، ޕާޓީގެ ނިންމުމާއި ޚިލާފަށް ވޯޓު ދިނުން ފިޔަވައި، އެނޫން ސަބަބަކައްޓަކައި ޕާޓީގެ މެންބަރު ކަމުން ވަކިކުރާ ހާލަތުގައި، އޭނާ އިންތިޚާބުވީ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަޣުލަބިއްޔަތުން އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމުން.

5- މަޖިލިސް މެންބަރަކު ވަކިކުރަން، އެ ދާއިރާ އަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ އާބާދީގެ ވަކި އިންސައްތައެއްގެ ރައްޔިތުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީ އިން ދިރާސާކޮށް، އެ މެންބަރަކު މަގާމުން ވަކި ކުރުމަށް އެ ދާއިރާގެ ވޯޓު ލުމުގެ ހައްގު ލިބިފަިއވާ އާބާދީގެ މެދުގައި އާއްމު ވޯޓެއް ނަގަން ނިންމައި، އެ ވޯޓުލާ މީހުންގެ އަޣުލަބިއްޔަތުން އެ މެންބަރަކު މަގާމުން ވަކި ކުރުމަށް ނިންމުން. މިއެވެ.

މަޖިލިސް މެންބަރުން ވަކި ކުރެވޭ ހާލަތް ތަކެއް ބަޔާން ކުރާ ގޮތަށް އެންޓި ޑިފެކްޝަން ޤާނޫނެއް އެމްޑީޕީ އިން މަޖިލީހަށް ހުށަހަޅައި މިހާރުވެސް ވަނީ ފާސް ކޮށްފައެވެ. ނަމަވެސް އެ ޤާނޫނުގައިވެސް މެންބަރު ކަމުން ވަކިވާނެ ހާލަތެއް ނޯވެއެވެ. އޮންނަނީ އެ ޤާނޫނުގައި ކަނޑައަޅާފައިވާ ހާލަތެއް ދިމާވުމުން އެމީހަކު އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުމެވެ.

ޤާނޫނު އަސާސީގައިވެސް އެފަދަ ހާލަތެއް ބަޔާން ކޮށްފައެއް ނޯވެއެވެ. ހަމައެކަނި އޮންނަނީ މަޖިލިސް މެންބަރު ކަމުގެ މަގާމު ގެއްލޭނެ ހާލަތެކެވެ. އޭގެތެރޭގައި ހިމެނެނީ ދަރަންޏެއް ސާބިތުވެ ޤަވައިދުން އެ ދަރަނި ދައްކަމުން ނުދިޔުމާއި، 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ޖިނާއީ ކުށެއްގެ އަދަބުގެ ހުކުމެއް އައުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *