މިނިސްޓަރަށް މިއަދު މަޖިލީހަށް ވަޑައިނުގެންނެވުމުން ނަޝީދަށް ދިން ހަމަލާ އާއި ޑްރޯންގެ މައުލޫމާތު ސާފު ކުރުން ފަސްކޮށްފި

މިނިސްޓަރަށް މިއަދު މަޖިލީހަށް ވަޑައިނުގެންނެވުމުން ނަޝީދަށް ދިން ހަމަލާ އާއި ޑްރޯންގެ މައުލޫމާތު ސާފު ކުރުން ފަސްކޮށްފި

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހާޒިރުވެ ވަޑައިނުގަންނަވާ ގޮތަށް މިއަދު އޮތް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަޑައިގަންނަވާ ގޮތަށް އެޖެންޑާކޮށްފައި އޮތް ނަމަވެސް، މިނިސްޓަރ މިއަދު ކޮމިޓީއަށް ވަޑައިނުގަންނަވާތީ، 2022 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އާއި، މި ސަރުކާރުން ތުރުކީ ވިލާތުން ޑްރޯން ގަތުމަށް ހިންގި މުއާމަލާތުގެ ތަފުސީލީ މައުލޫމާތު ސާފު ކުރުމުގެ ބައި ކުރިއަކަށް ނުގެންދެވުނެވެ.

އެ ދެ މައްސަލައާއި ބެހޭގޮތުން މިނިސްޓަރު ޣައްސާން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުކުރަން ނިންމީ، ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާބެހޭ އިތުރު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި ޑްރޯން ގަތުމުގެ މުއާމަލާތާބެހޭ މައުލޫމާތު ހާމަ ކުރައްވާނީ 241 ކޮމިޓީއަށް ކަމަށް މަޖިލިސް ޖަލްސާއެއްގައި މިނިސްޓަރ ވިދާޅުވުމާ ގުޅިގެންނެވެ.

އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި އެޖެންޑާ ކޮށްފައި އޮތީވެސް އެކަންތައްތަކެވެ. ނަމަވެސް މިއަދުގެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، މިއަދުގެ ޖަލްސާއަށް މިނިސްޓަރު ވަޑައިގެންނެވުމަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުވެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށެވެ. އެހެން ކަމުން މިއަދު އެ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަަމަށްވިދާޅުވެ އެ މައްސަލަ ވަނީ ފަސް ކުރައްވައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *