1.3 މިލިޔަން ރުފިޔާ މީޑީޔާ ނެޓަށް ދައްކަން އެމްއެންބީސީގެ މައްޗަށް ޙުކުމް ކޮށްފި

1.3 މިލިޔަން ރުފިޔާ މީޑީޔާ ނެޓަށް ދައްކަން އެމްއެންބީސީގެ މައްޗަށް ޙުކުމް ކޮށްފި

މީޑީއާ ނެޓް ޕްރައިވެޓް ލިމިޓެޑަށް 1.3 މިލިޔަން ރުފިޔާ ދެއްކުމަށް މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ލިމިޓެޑް (އެމްއެންބީސީ) އަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ އެމްއެންބީސީގެ ޗެނަލެއް ކަމަށްވާ "ވައިޓީވީ" މީޑީޔާ ނެޓްގެ ނެޓްވޯކު ތަކުގައި "ރައިޑް" ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެންބީސީން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށްބުނެ މީޑިޔާ ނެޓުން އެމްއެންބީސީގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި މީޑީޔާ ނެޓުން އެދިފައި ވަނީ، އެމްއެންބީސީއަށް އެފަރާތުން ދިން ޚިދުމަތް ތަކުގެ އަގު ކަމަށްވާ 1.3 މިލިޔަން ރުފިޔާ އަކީ  އެމްއެންބީސީން ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި މި ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އެ ކޯޕަރޭޝަންގެ މައްޗަށް އަމުރުކޮށް، ހުކުމް ކޮށްދިނުމަށެވެ.

މި މައްސަލަ ބައްލަވައި، ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ކުރެއްވި ހުކުމްގެ ތަފްސީލުގައި ވަނީ، އެމްއެންބީސީ ހުންނަ އެޑްރެސް ކަމުގައި މައްސަލަހުށަހެޅި ފޯމުގައި މ. ރޭޑިޔޯ ބިލްޑިންގ ކަމަށް ބަޔާން ކޮށްފައިއޮތް ނަމަވެސް، އެ އެޑްރެސްގައި އެނަން ކިޔާތަނެއް ނުހުންނަ ކަމަށްބުނެ އެތަނުން އަމުރާ ހަވާލު ނުވި ކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި ކޯޓަށް ހާޒިރު ވުމުގެ އަމުރު އެމްއެންބީސީއަށް ރައްދު ނުކުރެވިގެން އެމްއެންބީސީ މިހާރު ހިންގަމުންދާ އެޑްރެސް ސާފުކޮށް ހަތް ދުވަހުގެ ތެރޭގައި ކޯޓަށް އެންގުމަށް މީޑިޔާ ނެޓަށް އެންގި ކަމަށެވެ. ނަމެސް މިއީ މީގެކުރިންވެސް ސިވިލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެއް ކަމަށާއި، އެ ކުންފުނީގެ ޝެއާރ ހޯލްޑަރެއްގެ ގޮތުން އެ ފަހަރު ދައުލަތުން މި މައްސަލައިގައި ހާޒިރު ވެފައިވާ ކަމަށް މީޑިޔާ ނެޓްގެ ފަރާތުން ކޯޓުގައި ތަމްސީލު ކުރުމަށް އައްޔަން ކޮށްފައިވާ އެސް އެންޑް އޭ ލޯޔާސް އިން ކޯޓުގައި ބުނެފައިވާ ކަމަށްވެސް ތަފްސީލުގައި ވެއެވެ.

މީގެ އިތުރުން އެމްއެންބީސީ އުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްބުނެ، ލިކުއިޑޭޓަރުން އެ މައްސަލައިގައި ހާޒިރުވެފައި ނުވާ ކަމަށާއި، މި މައްސަލައަކީ ކުރިން ހުށަހެޅި ދައުވާ ބާތިލް ވުމުގެ ސަބަބުން އެ މައްސަލައިގެ ދައުވާ ބަދަލު ކުރުމެއްނެތި ހަމަ އެގޮތަށް ހުށަހެޅި މައްސަލއެއް ކަމަށާއި، އެމްއެންބީސީގެ އެޑްރެހަކީ މ. ރޭޑިއޯ ބިލްޑިންގ ކަމަށް އޭރު އެ ފަރާތުން ބުނެފައިވާ ކަމަށްވެސް ތަފްސީލު ގައިވެއެވެ. އެކަމާ ގުޅިގެން މައްސަލައިގެ އޯޑިޔޯ ކޮންފަރެންސެއް ބޭވުމަށް ކޯޓުން ނިންމައި އެމްއެންބީސީގެ ފަރާތުން އެ އޯޑިޔޯ ކޮންފަރެންސްގައި ބައިވެރިވުމަށް ފޮނުވި ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އެމްއެންބީސީއަކީ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 2008 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި، ޤާނޫނު ބުނާގޮތުން މައްސަލަތަކުގައި ތަމްސީލު ކުރާނީ އެ ކުންފުނިން ކަމަށާއި، ނަމަވެސް، 9 ޖުލައި 2020 ގައި އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި،  ރަޖިސްޓްރާ އޮފް ކޮމްޕެނީސް އުވާލި ކުންފުނި ތަކުގެ ތެރޭގައި އެމްއެންބީސީ އުވާލި ކަމަށް ހިމެނޭކަން އެ މިނިސްޓްރީން ފާހަގަ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެކަމާގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ލިއުމުން، އެ ކުންފުންނަކީ އެކެއް ޖުލައި 2020 ގައި އުވާލާފައިވާ ކުުންފުންޏެއް ކަމަށް އެމިނިސްޓްރީން ބުނެފައިވާ ކަަމަށްވެސް ތަފްސީލުގައި ވެއެވެ.

އެހެން ކަމުން އެއީ އުވާލާފައިވާ ކުންފުންޏަކަށް ވާތީ އެ ކުންފުނި "ރިސްޓޯރ" ކުރުމަށްފަހުގައި ނޫން ގޮތަކަށް މި މައްސަލައިގައި މައުލީ ގޮތުން ގޮތެއް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މީޑިޔާ ނެޓަށް ކޯޓުން އެންގި ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެކަމާ ގުޅިގެން މީޑިޔާ ނެޓްގެ ފަރާތުން ކޯޓަށް ހުށަހެޅި އިކޮނޮމިކް މިނިސްޓްރީގެ ސިޓީ އަކުން 16 ޑިސެމްބަރު 2021 ގައި އެމްއެންބީސީ އަކީ "ރިސްޓޯޑް" ކުންފުންޏެއްގެ ގޮތުގއި އެ މިނިސްޓްރީގެ ދަފްތަރުގައި ހިމަނާފައިވާ ކުންފުންޏެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށްވެސް ތަފްސީލުގައި ވެއެވެ.

މި މައްސަލައާއި ގުޅިގެން ހުށަހެޅި ލިއުންތަކާއި ހެކި ތަކަށް ބުރަވެ، ކޯޓުން ބުނެފައި ވަނީ، 29 ޖޫން 2020 ގައި މި މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކުރި ފަހުން 1 ޖުލައި 2020 ގައި އެމްއެންބީސީ އުވާލާފައި ވީނަމަވެސް 20 އޭޕްރީލް 2010 ގައި ތަސްދީގު ކުރި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ޤާނޫނުގެ ދަށުން ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑީވްސްއަކީ އެމްބީސީގެ ގެ ދެ ޗެނަލްގެ ގޮތުގައި ބަދަލު ވެފައިވާ ކަމަށް ކަނޑައަޅައި، އެތަން ތަނުގައި ހުރި ތަކެއްޗާއި، ލިބެންޖެހޭ ތަކެއްޗާއި ފައިސާއަކީ އެމްބީސީގެ މުދަލަށް ބަދަލުވީ ކަމަށް ކަނޑައަޅައި، އެ ތަންތަނުން ދައްކަންޖެހޭ ދަރަންޏެއް ވާނަމަ އެ ދަރަނި އަދާ ކުރުމުގެ އިލްތިޒާމުތައް ޤާނޫނުގެ ދަށުން އެމްބީސީ އަށް ބަދަލުވީ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ދައުވާ ބިނާވެފައިވާ "ވައިޓީވީ" އާ ގުޅޭ އިންތިމާޒް ތަކަކީ އެމްއެންބީސީގެ ކިބައިން އެމްބީސީގެ ޤާނޫނުގެ ދަށޫން އެ ކުންފުންޏަށް ބަދަލު ވެފައިވާ އިލްތިމާޒް ތަކެއް ނޫން ކަަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ދައުވާގައި މީޑިޔާ ނެޓްގެ 47 އިންވޮއިސް އަކަށް އެމްއެންބީީގެ ކިބައިން ހޯދުމަށް އެދިފައިވާ 1.3 މިލިޔަން ރުފިޔާއަކީ އެމްއެންބީސީގެ ޗެނަލެއް ކަމަށްވާ "ވައިޓީވީ" މީޑީއާ ނެޓް ޕްރައިވެޓް ލިމިޓެޑްގެ ނެޓްވޯކު ތަކުގައި "ރައިޑް" ކުރުމަށް 1 ސެޕްޓެމްބަރު 2009 ގައި މީޑިޔާ ނެޓާއި އެމްއެންބީސީއާއި ދެމެދު ސޮއި ކޮށްފައިވާ އެއްބަސް ވުމުގެ ދަށުން ފޯރުކޮށް ދީފައިވާ ޚިދުމަތުގެ އަގުގެ ގޮތުގައި އެމްއެންބީސީއިން މީޑިޔާ  ނެޓަށް ދައްކަން ޖެހި، ނުދަައްކާފައިވާ ފައިސާކަން ޝަރީއަތަށް ސާބިތުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މި  ފައިސާ މީޑިޔާ ނެޓަށް ލިބިދިނުމުގެ ގޮތުން މި މެއި މަހުގެ 16 ވަަނަ ދުވަހުގެ ކުރިން މި ފައިސާ ސިވިލް ކޯޓަށް ދައްކައި ދަރަނި ޚަލާސް ކުރުމަށްވެސް ކޯޓުން ވަނީ އެމްއެންބީސީއަށް އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *