ހަށިވިއްކި ޓެލެގްރާމް ޗެނަލް: 60 އަހަރުގެ މީހާ ހައްޔަރަށް 15 ދުވަސް ޖަހައިފި

ހަށިވިއްކި ޓެލެގްރާމް ޗެނަލް: 60 އަހަރުގެ މީހާ ހައްޔަރަށް 15 ދުވަސް ޖަހައިފި

މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނެލް ތަކެއް ހިންގި މައްސަލައިގައި، ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރިއެވެ.

ފުލުހުން ކުރި ތަހުގީގު ތަކުން، އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު މިދިޔަ މަހު ހައްޔަރު ކުރިއެވެ. އެއީ ދެމަފިރިންނެވެ.

އޭގެތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ، އިއްޔެ ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.

އިސްކަންދަރު ކޮށީގައި މިދިޔަ މަހު 30 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުގައި މަސައްކަތް ކުރައްވާ އިންވެސްޓިގޭޓިވް އޮފިސަރު އާމިނަތު މުހައްމަދު ވިދާޅުވި ގޮތުގައި ޓެލެގުރާމް ޗެނެލްތައް ހިންގާ މީހުންނަށް އެހީތެރިވެ، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލަނީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެންނެވެ. އަދި ޖަޒީރާގެ ނަމުގައި ހިންގި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރުވެސް 7،000 އެއްހާ މީހުން އެ ޕޭޖު ފޮލޯ ކުރަމުން ދިޔަ ކަމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ޓެކްސީ ޑްރައިވަރުވެސް ހައްޔަރު ކޮށްފައެވެ. އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *