މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއި ކުރައްވައިފިއެވެ.
ޕީއެންސީ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މުލިއާގޭގައި އެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެޕާޓީއަށް އިއްޔެ ސޮއި ކޮށްފައިވާ ކަމަށެވެ. އެ މެންބަރުންނަކީ
ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
ހަސަން ޒަރީރު – މަތިވެރި ދާއިރާ
އަޙްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން އަބުދުﷲ – ނައިފަރު ދާއިރާ
އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ
މި ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފްތަރުގައި ތިއްބެވި ބޭފުޅުންނެވެ.
ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. އަދި ސުޕަ މެޖޯރިޓީ އަކީ 70 އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީ އިން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. މި ހަ ބޭފުޅުންނާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 72 އަށް އަރައިފައެވެ. އެހެން ކަމުން ޕީއެންސީއަށް އެކަނިވެސް މިހާރު ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ.
މީގެއިތުރުން ސަރުކާރުގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުންވެސް އިންތިޚާބުވިއެވެ. އެހެން ކަމުން ސަރުކާރު ކޯލިޝަންގެ ސުޕަ މެޖީރިޓީގެ ޖުމްލަ އަދަދު 76 އަށް އަރައެވެ.
އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގު ކުރުމާއެކު ވަނީ ޤާނޫނަކަށް ވެފައެވެ. އެ ޤާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާ ދޭންވާނެ ކަމަށް މި ޤާނޫނުގައި ވެއެވެ.
އެގޮތުން އަމިއްލަ ގޮތުން އިންތިޚާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އެ ހާލަތުގައި ކަންކުރަން ޖެހޭ ގޮތް ބަޔާން ކޮށްފައެއް ނުވެއެވެ.