ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ތ. ގުރައިދޫ ދާއިރާ އާއި ތިމަރަފުށީ ދާއިރާއަށް ކުރިމަތި ލެއްވި ކެންޑިޑޭޓުން އެދާއިރާ ތަކަށް ވާދަ ކުރައްވާ ޕީއެންސީ ކެންޑިޑޭޓަށް ތައީދު ކުރަން ނިންމުމުން އެ ފަރާތްތަަކަށް ފިޔަވަޅުއަޅަން ޑިކޮމްރެޓިކް ޕާޓީން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓް ލީލާ އިބްރާހިމް މަނިކު، ވަނީ އެ ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދަށް ތާއީދު ކުރަން ނިންމައިފައެވެ. އަދި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވަނީ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފައެވެ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓަސް ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ސަރުކާރުގެ ބައެއް މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީގެ ޓިކެޓުގައި ގުރައިދޫ ދާއިރާއަށް ވާދަކުރާ ލީލާ އިބްރާހިމް މަނިކުއާއި ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ފާތިމަތު ޒިލްމާއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެފަރާތް ތަަކަށް ފިޔަވަޅު އެޅުމުގެ ކަންތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ހަސަން ލަތީފް ވިދާޅުވީ، އިންތިޚާބާ ދޭތެރޭ މިއޮތް ފަސް ދުވަހުގައި ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ދެ ފަރާތަށް އެ ޕާޓީން ދީފައިވާ ތާއީދު އަނބުރާ ގެންދިޔަކަން ރއްޔިތުންނަށް އެންގުން ކަމަށެވެ.