ފިޔަވަޅެއް އެޅިކަމަށް ވާނީ ހޯމް މިނިސްޓަރު މަގާމުން ވަކިކުރުމުން: ޖަމީލް

ފިޔަވަޅެއް އެޅިކަމަށް ވާނީ ހޯމް މިނިސްޓަރު މަގާމުން ވަކިކުރުމުން: ޖަމީލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ދިޔަ މައްސަލައިގައި ސަރުކާރުން ފިޔަވަޅެއް އެޅި ކަމަށް ވާނީ ހޯމް މިނިސްޓަރު އަލީ އިހްސާން މަގާމުން ވަކި ކުރުން ކަމަށް، ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ޤާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ވިދާޅުވީ، ޕީއެންއެފް ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވީ ސީދާ، ރައީސް ޑރ. މުއިއްޒު ކަމަށެވެ.  ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސް އެޅުމުގެ ސަބަބުން ވަނީ ހަމަނުޖެހުން ތަކެއްވެސް ހިނގައިފައެވެ.

އެކަމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެ ޖަލްސާއަށް އެސްއޯ ފުލުހުން ހުރަސްއެޅީ އެ މަނިކުފާނުގެ އެންގެވުމާއި ޚިލާފަށް ކަމަށާއި އެކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.ރައީސްގެ އެ ވާހަކަފުޅާ ގުޅިގެން އެ ޖަލްސާއަށް ހުރަސް އެޅުމުގައި ފުލުހުން މަސައްކަތް ކުރި ގޮތާއި ބާރުގެ ބޭނުން ކުރުމާއި އެސްއޯ ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ޕޮލިސް ކަމިޝަނަރު އަލީ ޝުޖާއުއަށް ހޯމް މިނިސްޓަރު އަލީ އިހުސާން އެންގެވިއެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް، އެއާއިގުޅޭ ތަހުގީގު ރިޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ.

އެކަމާގުޅިގެން އަޅާފައިވާ ފިޔަވަޅަކީ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ހަރަކާތްތެރިވުމަށް ޕޮލިސް ކޮމިޝަނަރުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ބަދަލު ކުރުމެވެ.

އެކަމާއި ގުޅިގެން ޑރ. ޖަމީލު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންނާމެދުވެސް  ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ. ހަމައެކަނި ކުރި ކަމަކީ ޤާނޫނުގައި އޮތްގޮތް ހާމަކުރުން ކަމަށާއި ފިޔަވަޅަކަށް ވާނީ ހޯމް މިނިސްޓަރު ވަކި ކުރުން ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *