ކުރީގެ ސަރުކާރުން އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް އެއް ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ ހަރުމުދަލާއި ފައިސާ ދީފައިވާ މައްސަލަ ތަކެއް ބަލަމުން ގެންދާ ކަމަށް އެޓާނީ ޖެނެރަލް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެކި ކަންކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދޭ މައްސަލަތައް ހައްލުކޮށް ބަދަލު ދޭންޖެހޭ ކަންތައްތަކަށް ބަދަލު ދިނުމުގެ ކަންތައްތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދާފައި އޮތް ސެޓްލްމެންޓް ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވަނީ އުވައި ލައްވައިފައެވެ.
އޭޖީ އޮފީހުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތާ ބެހެ މައުލޫމާތު ދނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އުޝާމް ވިދާޅުވީ، ރައީސް މުއިއްޒު އެ ކޮމިޓީ އުވާލުމަށްފަހު އެހާތަނަށް އެ ކޮމިޓީން ކުރި މަސައްކަތްތަކާބެހޭ ހުރިހާ ލިޔެ ކިއުންތައް އޭޖީ އޮފީހާ ހަވާލު ކުރައްވާފައިވާ ކަމަށެވެ.
އެ ލިޔެކިއުން ތަކަށް ބަލާއިރު އެ ކޮމިޓީން ޖުމްލަ 10 ފަރާތަކަށް ގެއްލުމުގެ ބަދަލު ދީފައިވާކަން އެނގެން އޮތް ކަމަށާއި، ބަދަލުގެ ގޮގައި ފައިސާ އާއި ރަށްރަށް ދީފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ އެ ކޮމިޓީން މައްސަލަތައް ނިންމާފައިވާ ގޮތް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޭގެތެރެއިން ބައެއް މައްސަލަތަކަކީ ޝަރީއަތަށް ހުށަހެޅިގެން ޝަރީއަތުގައި އަޑުއެހުންތައް ކުރިއަށް ގެންދަމުން ދިޔަ މައްސަލަ ތަކެއް ކަމަށާއި، ސަރުކާރުގެ މައްޗަށް ދައުވާ ކުރި ފަރާތް ތަކުގެ ތެރެއިން، ދައުލަތާ ދެކޮޅަށް މައްސަލަ ކާމިޔާބު ނުވާނެ ކަމަަށް ސާފުކޮށް އެނގެން އޮތް ބައެއް މައްސަލަ ތަކަށްވެސް ސެޓްލްމަންޓް ކޮމިޓީން ބަދަލު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބައެއް މައްސަލަ ތަކުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް އޮޑިޓާރ ޖެނެރަލްގެ އޮފީހުން އަންގާފައިވާ ބައެއް މައްސަލަތަކާއި، އެ އޮފީހުން ވަކި މިންވަރެއް ކަނޑައަޅާފައިވާ ބައެއް މައްސަލަަ ތަކުގައި އެއަށްވުރެ ބޮޑު އަދަދުން ބަދަލު ދީފައިވާކަން ފާހަްގަަ ކުރެވިގައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެ ކޮމިޓީން މިހާތަނަށް ނިންމާފައިވާ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގައި ދަންނަވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.