އދ.ގެ އޮފިޝަލުންގެ ގޮތުގައި ޔަމަނުގައި މަސައްކަތް ކުރަމުން އަންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހުރިހާ މީހުން ޔަމަނު ދޫކޮށް ދިއުމަށް، އެގައުމުގެ ހަތިޔާރު އެޅި ޖަމާއަތް ކަމަށްވާ ހޫތީން އަންގައިފިއެވެ.
ހޫތީން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފައިސާގެ ގޮތުންނާއި ހަތިޔާރުގެ ގޮތުން އެންމެ ބޮޑަށް ވާގިވެރި ވަމުން އަންނަ ދެ ގައުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތެވެ. އެހެންވެ ހޫތީންގެ ރުޅި އެ ދެގައުމަށް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފައެވެ.
ހޫތީން ދަނީ ރަތް ކަނޑު ހުރަސްކޮށް އިޒްރޭލަށް ދަތުރުކުރާ ކަނޑުގެ ބޯޓުތައްވެސް ހުއްޓުވަމުންނެވެ. އެކަމާވެސް އެމެރިކާ އާއި އިނގިރޭސިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.