ޖަރުމަނުގެ ޑޯޑުމަންޓް ބަލިކޮށް ސްޕެއިންގެ ޗެމްޕިއަން ރިއާލް މެޑުރިޑް ޔުއެފްއާ ޗެމްޕިއަންސް ލީގުގެ ކާމިޔާބު ކޮށްފިއެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ ފައިނަލް މެޗު ރިއާލް މެޑުރިޑް ކާމިޔާބު ކޮށްފައި ވަނީ 0-2ގެ ނަތީޖާ އަކުންނެވެ.
މެޗު ފަށައިގެން ދެޓީމުންވެސް ގެންދިޔައީ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ރެއާލް މެޑުރިޑުގެ ޑިފެންސް ފޫއަޅުވާލުމަށް ފަހު ޑޮޑުމަންޓުން ވަނީ ގޯލަށް ދެ ހަމަލާއެއް ނުރައްކާ ކޮށްފައެވެ. ފުރަތަަމަ ހަމަލާ ރިއާލްގެ އެންމެ ހުނަރުވެރި އެއް ޑިފެންޑަރ ކާވަހާލް ހުރަސްއެޅި އިރު، ދެވަނަ ހަމަލާ ގޯލު އަރިމަތީ ދަނޑީގައި ޖެހި ވަނީ ބޭރަށް ނިކުމެފައެވެ.
މީގެ އިތުރުންވެސް މެޗުގެ ފުރަތަަމަ ހާފުގައި ލީޑު ނަގާނެ ގިނަ ފުރުސަތު ތަކެއް ވަނީ ޑޯޑުމަންޓަށް ލިބިގެން ގޮސްފައެވެ. ފުރަތަަމަ ހާފުގައި ރިއަލްއަށް ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ ދެ ހަމަލާއެެވެ.
ރިއާލް މެޑުރިޑްގެ އެންމެ ހުނަރުވެރި، އަދި އެކުޅުންތެރިއަކަށް އިދިކޮޅު ޓީމު ތަކުން އެންމެ ޖެހިލުންވާ ޖަރުމަނުގެ ޓޮނީ ކުރޫޒް އޭނާގެ ކެރިއަރުގެ ފަހު މެޗަށް މި މެޗުން ވެގެން ދިޔައިރު، ފުރަތަމަ ހާފުގައިވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ގޯލަށް ނުރައްކާ ކުރުމަށް ގިނަ ހުރަސް ތަކެށް އޭނާގެ ފަރާތުން ފެނިގެން ދިޔައިރު، ޑޯޑުމަންޓުގެ ޑިފެންސް ފޫއަޅުވާލުމަށް ވިނިޝިއަސް ޖުނިއަރ ގެންދިއައިީ ބުރަ މަސައްކަތެއް ކުރަމުންނެވެ.
ދެވަނަ ހާފު ފަށަައިގެން ރިއާލް މެޑުރިޑް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް، ޑޯޑުމަންޓުގެ ގޯލަށް ގިނަ ހަމަލާ ތަކެށް އަމާޒު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ރިއާލް މެޑުރިޑުން މެޗުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލު މެޗުގެ 74 ވަނަ މިނެޓުގައި ކާމިޔާބު ކުރިއެވެ.
އެޓީމަށް ލިބުނު ކޯނަރުން މިލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ކާވަހާލްއެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ރިއަލްއަށް ލީޑު ފުޅާކޮށް ދިނީ ވިނިޝިއަސްއެެވެ. މެޗުގެ 81 ވަނަ މިނެޓުގައި ޑޯޑުމަންޓުގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ވިނިޝިއަސް ވަނީ އެންމެ ފުރިހަމަ ގޮތުގައި ހިފާފައެވެ. އެހެން ނަމަވެސް ޑޯޑުމަންޓުން ހިތްވަރު އެލުވާ ނުލާ ގެންދިޔައީ ރިއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ 86 ވަނަ މިނެޓުގައި ޑޯޑުމަންޓުން ގޯލެށް ކާމިޔާބު ކުރި ނަމަވެސް، ކުޅުންތެރިޔާ ހުރީ އޮފްސައިޑުވެފައެވެ.