ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާންގެ ކައިރީގައި ވަރުގަދަ އަސްކަރީ ތަމްރީނު ތަކެއް ފަށައިފިއެވެ.
މި ތަމްރީންތައް ކުރިއަށް ދާނީ 2 ދުވަހުގެ މުއްދަތަކަށް ކަމަށް ޗައިނާގެ އަސްކަރިއްޔާ އާއި ހަވާލާދީ އެ ގައުމުގެ މީޑިޔާ ތަކުން ވަނީ މައުލޫމާތުދީފައެވެ. އަދި މިއީ ކަނޑާއި ވައިގެ ތެރޭގައި ކުރިއަށްދާނެ އަސްކަރީ ތަމްރީނު ތަކެއް ކަމަށްވެސް އެ ގައުމުގެ އަސްކަރިއްޔާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.
ޗައިނާގެ ދައުލަތުގެ މީޑިޔާ ޝިންހުއާ ނިއުސް އެޖެންސީ އިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާގެ އީސްޓާން ތިއޭޓަރ ކޮމާންޑް އޮފް ޕީޕަލްސް ލިބާރޭޝަން އާރްމީ އިން މި އަސްކަރީ ތަމްރީނުތައް ފަށާފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު ކަމަށެވެ. އަދި މި ތަމްރީނުތައް މެދުނުކެނޑި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާނެ ކަމަށްވެސް އެ ނިއުސް އެޖެންސީ އިން ވަނީ ބުނެފައެވެ.
ޗައިނާގެ އަސްކަރިއްޔާ އިން މި ތަމްރީނު ތަކުގައި ހަރަކާތްތެރި ވާނީ ޓައިވާން ސުޓްރައިޓްގެ ދެކުނާއި އުތުރުގެ އިތުރުން ކިންމެން އަދި ކަޓްސް އާއި ޑޮންގްޔުބް ޖަޒީރާތައް ކައިރީގައެވެ.
ޗައިނާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ލި ޝީ ބުނެފައިވަނީ ޗައިނާގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިނަގެ އިތުރުން އެ ގައުމުގެ އަސްކަރިއްޔާގެ ވަރުގަދަ ރޮކެޓް ފޯސް ވެސް ގުޅިގެން ކުރިއަށް މި ގެންދާ އަސްކަރީ ތަމްރީނުތަކަކީ ޗައިނާ އިން ވަކިވެ ގަންނަށް މަސައްކަތް ކުރަމުންދާ ޓައިވާންގެ އައު ސަރުކާރަށް ދޭ ވަރަށް ބޮޑު އިންޒާރެއް ކަމަށެވެ. އަދި ޗައިނާގެ އަސްކަރިއްޔާ އިން ޓައިވާން މިނިވަން ދައުލަތަކަށް ވުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ.
ޓައިވާނުގެ އާ ރައީސް ވިލިއަމް ލައި ޗިންގްޓޭ އަކީ ޗައިނާ އާއި ވަރަށް ނުޤަބޫލު ސިޔާސީ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރާނެކަން އިއުލާން ކޮށްފައެވެ. ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ.
ޗައިނާ އިން މި ވަރުގަދަ އަސްކަރީ ތަމްރީންތައް މި ފެށީ ޓައިވާންގެ އައު ރައީސް ރައީސް ކަމުގެ ހުވާ ކުރެއްވިތާ 3 ވަނަ އަށްވި ދުވަހުއެވެ.