އަވައްޓެރި އިންޑިޔާގެ ވިލެޖެއް ކަމަށްވާ، ކޮނޑިންހި ވިލެޖަކީ އާދަޔާ ޚިލާފު ގޮތަކަށް ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ވިލެޖެކެވެ.
އެ ވިލެޖް މަޝްހޫރު ވެފައި ވަނީ "ވިލެޖް އޮފް ޓްވިންސް" ގެ ނަމުންނެވެ. އެއީ ސަބަބެއް ނެތިއެއްނޫނެވެ. އިންޑިޔާގެ އެހެން ވިލެޖްތަކާ ޚިލާފަށް އާބާދީ މަދުކޮށް ފާހަގަ ކުރެވޭ މި ވިލެޖްގައި ދިރިއުޅެނީ ޖުމްލަ 2000 އާއިލާއެވެ. ނަމަވެސް އެ އިން ކޮންމެ އާއިލާއެއްވެސް ފާހަގަ ވެފައި ވަނީ އެއްމާބަނޑު ގިނަ ކުދިން ތަކެއް ހިމެނޭ އާއިލާ ތަކެއްގެ ގޮތުގައެވެ.
\
ރާއްޖޭގައި ނަމަ، ރަށު ކައުންސިލް ގޮތަށް، އެ ވިލެޖްގެ ކަންތައް ބަލަހައްޓާ އެންމެ އިސް ފަރާތް ކަމަށްވާ، ޕަންޗާއަތުގެ ވައިސް ޕްރެޒިޑެންޓް އަބްދުލް އަޒީޒް ބުނީ އެ ވިލެޖްގެ ކޮންމެ ދިމާލަކުންވެސް ފެންނާނީ ޓްވިސް (އެއްމާބަނޑު ކުދިން) ކަމަށެވެ. އެއްމާބަނޑު ތިން ކުދިންނާއި، ހަތަރު ކުދިން ހިމެނޭ ޖޯޑުތައްވެސް ގިނަ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެ ވިލެޖް ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދާފައިވާ ކަމަށެވެ. އޭނާ ބުނީ އެ ވިލެޖްގައި އުފަންވާ ކޮންމެ 100 ކުދިންގެ ތެރެއިން ގާތް ގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އެއްމާބަނޑު ކުދިން ކަމަށެވެ.
އެ ވިލެޖްގައި އެއްމާބަނޑު ކުދިން ވިހަމުން ދާތީ، އެކަމުގެ ހަގީގަތް ހޯދުމަށް އެކި ފަހަރު މަތިން ޑޮކްޓަރުންގެ އެކި ޓީމު ތަކުން މަސައްކަތް ކުރި ނަމަވެސް، އެކަމުގެ ހަގީގީ ސިއްރު އަދި ހޯދިފައި ނެތް ކަމަށެވެ. އެގޮތަށް އެއްމާބަނޑު ކުދިން ލިބުމުގައި އެކި ސަބަބު ހިމެނޭކަަން އެކަމުގެ ދިރާސާތައް ކުރާ ފަރާތްތަކުން މިހާތަނަށް ވަނީ ބުނެފައެވެ.
އަބްދުލް އަޒީޒު ބުނީ އެކަަމަކީ ޖެނެޓިކް ކަމެއްގެ ސަބަބުން ވާރުތަ ވަމުން އަންނަ ކަމެއް ކަމަށް އެއްބަޔަކު ބުނާއިރު، އެއީ އެތަނުގެ ފެނުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބައެއް މީހުންބުނާ ކަމަށެވެ. ބަޔެއް މީހުން ދެކޭގޮތުގައި އެއީ އެތަނުގެ ވެލީގެ ސަބަބުން ދިމާވާ ކަމެކެވެ. ނުވަތަ އެތަނުގެ ވައިގެ ސަބަބުން ދިމާވާ ކަމެކެވެ.
ބަޔެއް މީހުން ގަބޫލު ކުރަނީ އެކަމާ ގުޅުން އޮތީ ދަނޑި އަލުވި ނުވަތަ ދޮންކޭލާއެވެ. އެ ވިލެޖުގެ މީހުންނަކީ ވަރަށްގިނައިން ދަނޑި އަލުވި އާއި ދޮންކެޔޮ، ކެއުމުގައި ބޭނުންކުރާ ބަޔެކެވެ. އެހެންވެ ދަނޑި އަލުވި ކެއުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބައެއް މީހުން ބުނާއިރު، އެއީ ދޮންކޭލުގެ ތެރޭގައި ހުންނަ، ދެވަށް އެއްކޮށް ހުންނަ ދޮންކެޔޮ ކެއުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބުނާ މީހުންވެސް އުޅެއެވެ.
ނަމަވެސް އަޒީޒް ބުނީ ބުނީ އެ ކަމުގެ އިތުބާރު ހުރި ސާފު ހެއްކެއް އަދިވެސް ހޯދިފައި ނެތް ކަމަށެވެ. އެކިމީހުން ދައްކަނީ އެކި ވާހަކަ ކަމަށެވެ.
One Response
ކަލޯގަޔާ