ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅުއްވި ބިމާބެހޭ ބިލާމެދު މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މިއީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް މިއަދު ވިދާޅުވީ، އެ ބިލުގައި ވާ ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ، މި ބިލަކީ ޒަމާނީ ޑިމޮކްރަސީއާއި ބީރައްޓެރި، ލާމަރުކަޒީ އުސޫލު ތަކަށް ތަބާނުވާ، އަދި ބިމުގެ ކަންކަން ހިންގުމަށް މިހާރު ފަރުމާ ކޮށްފައިވާ ނިޒާމާ މުޅިން ބީރައްޓެހި ވަރަށްބޮޑަށް ރައްޔިތުންގެ ބާރު ކެނޑޭ ގޮތަށް އޮތް ބިލެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން އެކި ކަންކަމަށް ބިން އެކަށައަޅައި ބިން ދޫކުރުމުގެ ބާރު ކައުންސިލް ތަކަށް ޤާނޫނަކުން ދީފައިވާ ކަމަށެވެ ނަމަވެސް މި ބިލުން ކައުންސިލް ތަކަށް ލިބިފައިވާ ބާރުތައް މިނިސްޓަރެއްގެ އަތްޕުޅަށް ފުރޮޅިގެންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން އެ ބިލްގެ އަށްވަނަ މާއްދާ ސަލީމް ފާހަގަ ކުރެއްވިއެވެ.
ބިލުގެ އަށްވަނަ މާއްދާގައި ބުނެފައި ވަނީ، ބިމާއި ގޯއްޗާއި، ބިމާގުޅޭ މުއާމަލާތްތައް ރަޖިސްޓްރީ ކުރުމަށާއި، ބިމުގެ ދަފްތަރު އެކުލަވާލައި، ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެގައި ކަންކަން ކުރާނީ ރަޖިސްޓްރާ އޮފް ލޭންޑް ކަމަށެވެ. އޭނާ ޖަވާބުދާރީ ވާނީ މިނިސްޓަރަށް ކަމަށްވެސް ބުނެފައިވެއެވެ. އެމަގާމަށް މިީހަކު އައްޔަން ކުރާނީވެސް މިނިސްޓަރެވެ.
ސަލީމް ވިދާޅުވީ ބިން ރަޖިސްޓްރީ ކޮށްދޭނީ ހަމައެކަނި ރަޖިސްޓްރާ އޮފް ލޭންޑް ކަމަށް ބިލްގައި އޮތުމުގެ މާނައަކީ ކައުންސިލް ތަކުން މިހާރު ދޫކުރާ ބިމުގެ ރަޖިސްޓްރީ ދޫކުރުމުގެ ބާރުވެސް އެ ފަރާތް ތަކުގެ ކިބައިން ނިގުޅައި ގަތުމެވެ.
"މި ބިލުން ކައުންސިލް ތަކަށް ލިބިފައިވާ ބާރުތައް މިދަނީ މިނިސްޓަރެއްގެ އަތްޕުޅަށް. މިއީ ކަންބޮޑުވުމެއް.ަ ބިން ރަޖިސްޓްރީ ކޮށްދޭނީ ހަަމައެކަނި ރަޖިސްޓްރާ، މާނައަކީ މިހާރު ކައުންސިލް ތަކުން މި ދޫކުރާ ބިމުގެ ރަޖިސްޓްރީ ދޫކުރުމުގެ ބާރުވެސް މިބިލު ޤާނުނަކަށް ވުމުން ނުލިބޭނެ،"
ރާއްޖޭގެ ބިން އެކި ބޭނުން ތަކަށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލްގެ 34 ވަނަ މާއްދާގައި ބުނެފައި ވާތީވެސް ސަލީމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
ރާއްޖޭގެ ބިން އެކަށައެޅޭނެ ބޭނުންތައް ކަނޑައެޅުމަށް ފަހު، އެ މާއްދާގައި ބުނެފައި ވަނީ ރާއްޖޭގެ ބިން އެކި ބޭނުން ތަކަށް ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިްޔާ ކަމަށެެވެ.
"ލާމަރުކަޒީ ޤާނޫނުގެ 22 ވަނަ މާއްދާގެ ވ. ގައި ވާގޮތުން ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ބިމާއި، ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުން ކައުންސިލާ ހަވާލުކުރާ އެނޫންވެސް ބިމާއި ލޭންޑްޔޫސްޕްލޭނާއި ކައުންސިލް ތަކުން އެކުލަވާލާ އެރަށެއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން އެކި ބޭނުން ތަކަށް ބިން އެކަށައެޅުމާއި، ބޭނުން ކުރުމާއި ކުއްޔަށް ދިނުމާއި، ދިނުމުގެ ބާރު އޮތީ ކައުންސިލް ތަަކަށް ލިބިދީފަ، ނަމަވެސް މިބިލް ޤާނުކަށް ވުމުން މި ބާރުތައް ކައުންސިލް ތަކުން ނިގުޅައިގަނޭ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ރަށެއް ނުވަތަ ސިޓީއެއްގައި ނަމަ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޭނީ އެތަނަކުން ކަމަށް ބިލްގައި އޮތް ނަމަވެސް އެކަން ކުރަންވާނީ ކަނޑައަޅާ ވަކި ޝަރުތު ތަކަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އޮތުމުން ކަންބޮޑުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ބިލްގެ 55 ވަނަ މާއްދާ މިހާރު ފަރުމާ ކޮށްފައި އޮތް ގޮތުން ވަކި މަޝްރޫއްގެ ދަށުން ރަށެއްގައި ތަރަގީކުރާ ތަންތަނުންވެސް ކައުންސިލް ތަކަށް ގޯތިތައް ދޫނުކުރެވޭނެ ކަމަށެވެ. އެކަން ކުރުމުގެ ބާރު ލިބެނީ މިނިސްޓަރަށް ކަަމަށްވެސް ވިދާޅުވިއެވެ. ފަސް އަހަރު ދުވަހުގެ ތެރޭގައި ދިރިއުޅެން ނުފަށާ ގޯތިތައް އަތުލެވޭ ގޮތަށް ބިލްގެ 66 ވަނަ މާއްދާގައި އޮތުމަކީވެސް ކަންބޮޑުވުމެއް ކަމަށް ސަލީމް ވަނީ ފާހަގަ ކުރައްވައިފައެވެ.
"ރާއްޖޭގެ އާއްމު ހާލަތަށް ބަލާއިރު ފަސް އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފެށުމަކީ އެކަށީގެންވާ ކަމެއްް ހާލަތަށް ބަލައި މުއްދަތު އިތުރު ކުރެވޭ ގޮތަށް އޮތުން މުހިއްމު،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ބިންތައް އަގު ކުރުމުގެ ބާރު މިނިސްޓަރަށް ބިލުގައި ދީފައި ވުމަކީވެސް ގޯހެއް ކަމަށެވެ. އޭރުން އެކަން އިންސާފުވެރި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.