މުޙަންމަދު ޖަމީލް ދީދީ: ފަނޑުވުމެއްނެތް، ޢިލްމީ، ދީނީ، އަދަބީ ފަސްމީރު ކުރިރުކެއް!

މުޙަންމަދު ޖަމީލް ދީދީ: ފަނޑުވުމެއްނެތް، ޢިލްމީ، ދީނީ، އަދަބީ ފަސްމީރު ކުރިރުކެއް!

ދިވެހިރާއްޖޭގައިވެސް ތަފާތު އަދީބުން އުފެދިފައިވެއެވެ. މިގޮތުން އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ އަކީ ދިވެހި އަދަބީ ގުލްޝަނުގައި ހިމެނޭ މޮޅު އަދީބެކެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެމަނިކުފާނަކީ ދިވެހި ގައުމަށް ޢިލްމީ، ދީނީ، އަދި އަދަބީ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ.

އެމަނިކުފާނަކީ ސާދާ ދިރިއުޅުމެއް އުޅުއްވި، ވަގުތަށް ކަމޭހިތްތަވާ، މުރާލި ކަމުގެ ރީތި ނަމޫނާ އެކެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތްތެވުމާއި އިންސާނީ ރީތި ސިފަތަކަކީ ހަޔާތުގެ ޝިއާރު ކަމަށް ހެއްދެވި ބޭފުޅެކެވެ.

އައްޝައިޚުލް އުސްތާޛުލް މަރްހޫމް މުހަންމަދު ޖަމީލު ދީދީ ދިވެހިންގެ މެދުގައި މަޝްހޫރު މިސާލެއްގައި ބުނެވޭ ފަދައިން ފަސްމީރު ކުރި ރުކެކެވެ. އިންސާނުން ފަޚްރުވެރިވާ އެތައް ސިފައެއް އެއްފަހަރާ އެއްކޮށްލައްވައިގެން ހުންނެވި އާދަޔާ ޚިލާފު ޝަޚްޞިއްޔަތެކެވެ. އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ އަދީބެކެވެ. ޝާއިރެކެވެ. މުޞައްނިފެކެވެ. ޢާލިމެކެވެ. ލަވަ ކިޔުންތެރި އެކެވެ. މުފައްކިރެކެވެ. މުފައްސިރެކެވެ. މުދައްރިސެކެވެ. ވަރަށް މުރާލި އިދާރީ ހިންގުންތެރި އެކެވެ.

އަމިއްލަ ދިރިއުޅުން:

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 މޭއި 1915މ. ގައެވެ. އެއީ ހިޖުރައިން 16 ޖުމާދިލް އާޚިރާ 1333 އެވެ. އުފަންވެވަޑައިގަތީ މ.ކުއްޅަވައް ގޭގައެވެ. ބައްޕާފުޅަކީ ދަރަވަންދޫގޭ ޢަބުދުﷲ ކަމާލުއްދީންއެވެ. ނުވަތަ ދަރަވަންދޫގޭ ޢަބުދުﷲ ދީދީއެވެ. މަންމާފުޅަކީ ފެންފޯއް ގަނޑުވަރު އައިމިނާދީ އެވެ. އަބިކަނބަލުންނަކީ އަލްމަރުހޫމާ ޝަރީފާ ޙަސަން ނުވަތަ ކުއްޅަވައްގޭ ސިއްތިއެވެ. ސިއްތި އަވަހާރަވީ މެއި 2008 ގައެވެ. މުޙައްމަދު ޖަމީލްގެ ދަރިންނަކީ ދިވެހިރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ. އޭގެތެރޭގައި ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލް، ޢަބުދުﷲ ޖަމީލް، ފާތިމަތު ޖަމީލް، ޖާދުﷲ ޖަމީލް، އާމިނަތު ޖަމީލް ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ޖަމީލު ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުގެ މަދަރުސާ މުޙައްމަދު ޢަލީ އަލްޚައިރިއްޔާ އިންނާއި ޖާމިޢަތުލް އަޒްހަރުންނެވެ. ޢަރަބި ބަހުގެ ޢިލްމް ވެރި އެކެވެ. އުރުދޫ ބަސް ކޮންމެވެސް ވަރަކަށް ދެނެލައްވައެވެ.

ޅެންވެރިކަން:

މުހައްމަދު ޖަމީލް އަކީ ޢަރަބި ބަހުގެ ތައުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޝާއިރެކެވެ.ފުންނާބު އުސް އަދީބެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރި އެކެވެ. މޮޅު ޝާއިރެކެވެ. މުޞައްނިފެކެވެ. ލިޔުންތެރި އެކެވެ. ގާނޫނީ ވަކީލެއްވެސް މެއެވެ. ތަފާތު ރޮނގުތަކުގައި ޅެން ހެއްދެވިއެވެ. ފުރަތަމަ ޅެމެއް ހައްދަވާފައި ވަނީ 9 ރަޖަބު 1358 ގައެވެ. މިޅެން ފެށިފައިވަނީ މަވެސް އަދު ފަރިއްސެއް ހެދޭތޯ ބަލާނަން މިޢިބާރާތުންނެވެ. ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރުވެފައިވާ ނަމަކީ އުޖާލާވި ރަންތަރިއެވެ.

ޤައުމީ ޚިދުމަތްތައް:

އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ޤައުމީ ހިދުމަތުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ނުހަނު ގިނަ ގުނައެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން ކާތިބު ކަމާއި، ސެކްރެޓަރީ ކަމުން ފެށިގެން ގޮސް އެންމެ ޤަދަރު ބޮޑު، މަސްޢޫލިއްޔަތު ބޮޑު މަޤާމްތައް ފުރުއްވި ބޭކަލެކެވެ. އަދާ ކުރެއްވި ކޮންމެ ވަޒީފާ އެއްގައިވެސް ދުވަހުން ދުވަހަށް މަތީ މަޤާމް ހާސިލް ކުރެއްވިކަމީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ހާމަވާ ކަމެކެވެ. މިގޮތުން އެމަނިކުފާނު ސަރުކާރުގެ ތަފާތު ވަޒީފާތަކެއްގައި ތަފާތު 40 މަޤާމެއް ފުރުއްވިއެވެ. ދައުލަތުގެ ބަންޑާރަ ނާއިބުކަމުގެ މަގާމަށް އިސްކުރެވުނީ 30 މެއި 1956 ގައެވެ. 11 ސެޕްޓެމްބަރު 1956 ގައި ބަންޑާރަ ނައިބު ކަމުގެ މަގާމުން ވަކިކުރެވުނެވެ.

ސަރުކާރުގައި އަދާކުރެއްވި ބައެއް ވަޒީފާތައް:

  • މަޙްކަމަތުލްމަޢާރިފުގެ ކާތިބުކަން
  • މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ މުދައްރިސްކަން (ތަފާތު އޮފީސްއޮފީހުގެ ދަށުގައި)
  • މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޠިރުގެ ނާއިބުގެ ޤާއިމް މަޤާމްކަން
  • މަޙްކަމަތުލްމަޢާރިފުގެ މަޖީދިއްޔާގެ ނާޠިރުގެ ނާއިބުކަން
  • މަޙްކަމަތުލްމަޢާރިފުގެ ހިންގާ ވެރިޔާކަން
  • ވުޒާރަތުލް މަޢާރިފުގެ މަދްރަސަތުލް މަޖީދިއްޔާގެ ނާޠިރުގެ އެހީތެރިޔާކަން
  • ވުޒާރަތުލް މަޢާރިފުގެ މަދްރަސަތުލް މަޖީދިއްޔާގެ ނާޠިރުކަން
  • ވުޒާރަތުލް މަޢާރިފުގެ ވަޒީރުލްމަޢާރިފުގެ ވަކީލުކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ ސެކްރެޓަރީކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ ނާއިބުކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ އިސްނާއިބުކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ އިސްތިއުނާފު ކޮމެޓީގެ ރައީސްކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ ވެރިޔާކަން
  • މަޙްކަމަތުއް ޝަރްޢިއްޔާގެ އުއްތަމަ ފަނޑިޔާރުކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ ކާތިބުކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ ސެކްރެޓަރީކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ ފިލްމު ސެންސަރުބޯޑުގެ މެމްބަރުކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ މުނިސިޕަލްޓީގެ މާފަންނު މެމްބަރުކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ ރައްޔިތުންގެ މަޖްލިސްގެ ހ.އަތޮޅު މެމްބަރުކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ މުނިސިޕަލްޓީގެ ރައީސްކަން
  • މަޙްކަމަތުއް ދާޚިލިއްޔާގެ ބަންޑާރަނާއިބުކަން
  • ވުޒާރަތުލް އައުޤާފުގެ މާފަންނު ޚަތީބުކަން
  • ވުޒާރަތުލް އައުޤާފުގެ ޚަތީބުކަން (ތަފާތު އޮފީސްތަކުގެ ދަށުގައި މިމަޤާމް ހިމެނުނެވެ.)
  • ވުޒާރަތުލް އައުޤާފުގެ ހެންވޭރުގެ ޚަތީބުކަން
  • ޤާނޫނުއަސާސީ އިސްލާޙުކުރުމަށް އެއްކުރެވުނު ޤަވާޢިދު ހަދާކޮމިޓީގެ މެންބަރުކަން (1980 މ. ވަނައަހަރު)
  • މާބަނޑޭރި އޮފީހުގެ ފަތްލިޔާކަން
  • މަޙްކަމަތުލް އަޝްޣާލުގެ ފަތްލިޔާކަން
  • މަޙްކަމަތުލް އަމަން ޢާންމުގެ ތަޙުޤީޤުކޮމެޓީގެ މެމްބަރުކަން
  • ވަޒީރުލްއަޢުޘަމްގެ އޮފީހުގެ ދަންނަ ބޭކަލުންގެ ކޮމިޓީގެ މެމްބަރުކަން
  • ތިލަދުންމަތީ އ.ކ.އ. ކަން
  • ކ.ހ. އޮފީހުގެ ވެރިކަން
  • ތިލަދުންމަތީ ޚާއްޞަ ވަކީލުކަން
  • ދާރުލް އިޤާމާގެ ވެރިޔާކަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެލިޖަސްނޮލެޖް ޓީޗަރުކަން
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަޢުޙަދުއްދިރާސާތުލް އިސްލާމިއްޔާގެ މުދައްރިސް (ފިޤްޙު)
  • މިނިސްޓްރީ އޮފް އިންފޮމޭޝަންގެ ފޮތްފޮތާއި ލިޔުންތައް ފާސްކުރައްވާކަން
  • ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރުކުރައްވާކަން
  • ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު މިސްކިތާއި ބަންޑާރަ މިސްކިތުގައި ހުކުރު ނަމާދާއި ޢީދުނަމާދު ކުރައްވާކަން
  • ޕެންޝަން އެންޑް ރިލިޖަސް ފަންކްޝަންސް ޑިވިޜަންގެ މާލޭގައި ހުކުރު ނަމާދާއި ޢީދު ނަމާދު ކުރައްވާކަން
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަން
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލިޔުއްވާ އަދި ތަރުޖަމާކުރައްވާކަން
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚާއްޞަ ވަކީލުކަން
  • ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްކަން
  • ދީނީ ރޫހުގެ މުޙައްރިރުކަން
  • ބަސްކޮމިޓީގެ މެންބަރުކަން
  • ފަތްތޫރައިގެ މުޙައްރިރުކަން
  • މާލޭ މުނިސިޕަލްޓީގެ ރައީސްކަން
  • މާފަންނު ކަތީބުކަން
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • މަދަރުސަތުއް ސަނިއްޔާގެ ނާޒިރުކަން

އެންމެ ގިނަ ދުވަހު އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ދިވެހި ބަހާއި، ތާރިޚާއި، ޡަޤާފަތަށް ހިދުމަތް ކުރެއްވުމުގެ ރޮނގުންނެވެ. މިރޮނގުރޮނގުގައި، އެންމެ އިސް ވެރިއެއްގެ ގޮތުގައެވެ.

ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތައް:

މަރުހޫމް ޖަމީލަށް ދިވެހި މުޖުތަމައުގައި އެންމެ ބޮޑު ޤަދަރަކާއި އިއްޒަތެއް ލިބިފައި ވަނީ އެމަނިކުފާނު ދީނީ ރޮނގުން ކުރެއްވި ޚިދުމަތްތަކާއި ގުޅިގެންނެވެ. އެމަނިކުފާނު ތަފާތު އެތައް ދީނީ މަޖައްލާ އެއްގެ އެޑިޓަރު ކަމާއި މިނޫން މަޤާމްތައްވެސް ފުރުއްވާފައިވެއެވެ. ދީނީ ރޮނގުން ގިނަގުނަ ފޮތްތަކެއް އެކުލަވާލެއްވި މުސައްނިފެކެވެ. މިފޮތްފޮތަކީ މިއަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދީނީ ރޮނގުން އެންމެ ބޮޑެތި ބޭނުންތައް ހިފެމުންދާ ފޮތްތަކެވެ. މިގޮތުން އެމަނިކުފާނުގެ ފޮތްތަކުގެ ތެރޭގައި:

  • ދީނިއްޔާތު
  • ތައުލީމުއްދިޔާނާގެ ފޮތްތައް
  • ދުރުސުލްއަޚުލާޤު
  • އިރުޝާދުލްއަނާމް
  • އަލްއިސްލާމް
  • އަލްމިންބަރު
  • ޝުއުލާ

ދިވެހިރާއްޖޭގައި މިއަދާއި ހަމައަށް ނެރެވެމުން މިއަންނަ "ދީނުގެ މަގު" ނޫހަކީވެސް އެމަނިކުފާނުގެ ޚިޔާލުފުޅަކާއި ގުޅިގެން ނެރެވޭ ނޫހެއް ކަމުގައިވެއެވެ. ދީނުގެ މަގުގެ ޒަރިއްޔާއިން "އެންމެ ސީދާ ތެދުމަގު" ގެ އަލިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވީވެސް އެމަނިކުފާނެވެ. ރޭޑިޔޯ އިންނާއި ޓީވީ އިން ފޮނުވަމުން ގެންދާ ގިނަ ދީނީ ޕްރޮގްރާމްތަކުގައިވެސް ގިނަ އަދަދަކަށް ޖަމީލްގެ ދީނީ ނަސޭހަތާއި ވައުޟު އެކުލެވިފައިވެއެވެ.

ހުކުރު ޚުޠުބާ ހެއްދެވުމާއި ޤުރުޢާން ތަރުޖަމާ ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވުމާއި އަމިއްލަ އަޑުފުޅުން ޤުރުއާނުގެ ތަރުޖަމާ ގެނެސް ދެއްވުމަކީ ކުޑަ އަދި ކުރެއްވުމަށް ފަސޭހަކަންތަކެއް ނޫނެވެ.

ބަހަށް ކުރެއްވި ޚިދުމަތްތައް:

މަރުހޫމް ޖަމީލަކީ ދިވެހިބަހަށްވެސް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. 1948 ގައި ދިވެހިރާއްޖޭގެ ގައުމީ ސަލާމްގެ ޅެން ލިޔެ ތައްޔާރު ކުރެއްވި ޝާއިރަކީވެސް މުހައްމަދު ޖަމީލް ދީދީ އެވެ. ބަހަށް ޚިދުމަތް ކުރެއްވުމުގެ ޤައުމީ ޝަރަފުވެރި ކަމުގެ އިނާމުވެސް އެމަނިކުފާނަށް ލިބިލައްވާފައިވެއެވެ. މިގޮތުން ދިވެހި ބަހުގެ ރޮނގުން ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން:

  • ކުޑަކުދިންގެ ބަގީޗާ 1
  • ކުޑަކުދިންގެ ބަގީޗާ 2
  • ދިވެހި ކިޔުން 1
  • ދިވެހި ކިޔުން 2
  • ދިވެހި ކިޔުން 3
  • ޅެމާއި ޅެންވެރިކަން

މީގެއިތުރަށް ދިވެހި ބަހުގެ ޤަވާއިދު ބަޔާންކުރައްވައި "ފިޔަވަޅު" ކިޔާ ފޮތެއްވެސް އެކުލަވާލައްވާފައި ވެއެވެ.

އަވަހާރަވުން:

މުހަންމަދު ޖަމީލު ދީދީ މިދުނިޔެ ދޫކޮށް ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރެއްވީ އުމުރުފުޅުން 74 އަހަރުގައި 15 މާރޗް 1989މ. ގައެވެ. އެއީ ހިޖުރައިން 7 ޝަޢުބާން 1409 ގައެވެ. ދިވެހިރާއްޖޭގައި ލިޔުންތެރިންގެ ދުވަސް ގެ ގޮތުގައި 15 މާރޗް ފާހަގަ ކުރަނީ މުހައްމަދު ޖަމީލް ދީދީގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ރިފަރެންސް

  • އަބާރަނަ 2 – މަލަސް 24 – 15 ޖެނުއަރީ 1990 – ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ވިކިޕީޑިޔާ
  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް
  • ހަދާނާއި ތާރީޚްގެ ތެރެއިން – 1 ވަނަ ބައި – އަހުމަދު ނަޖީބް – 2006
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *