ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގައި އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރި ކަމަށް ވުރެން، ޚިޔާނާތާއި ވައްކަން މިގައުމުގައި އިސްކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ އަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ނާކާމިޔާބުވެ ވަޑައިގެންނެވި މެންބަރެކެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ބޮންޑޭ ވާދަކުރެއްވިއިރު، އެ ދާއިރާއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީގެ ޓިކެޓްގައި ވާދަ ކުރެއްވި، ކުރީގެ މަޖިލިސް މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) އެވެ. މި އިންތިޚާބުގައި ބޮންޑޭ ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓްސް އަށް އެއްވެސް ގޮނޑިއެއް ލިބިފައެއްނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސިއްޙީ ޚިދުމަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ފާރަވެރިވާން އޮންނަ މަޖިލީހެއް ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގައި އެފަދަ ކަމެއްނެތް ކަމަށްވެސް ވިދާޅުވިއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްްވި ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވި ނަމަވެސް، އިންތިޚާބު ކުރި ބައެއް މެންބަރުންނަށް އިޝާރާތް ކުރައްވައި ބޮންޑޭ ވިދާޅުވީ، އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ތެދުވެރިކަމަށް ވުރެން، ޚިޔާނާތާއި ވައްކަން މިގައުމުގައި އިސްކޮށްފި ކަމަށެވެ.

ބޮންޑޭ ވިދާޅުވީ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރުމުގައި، އަމާނާތްތެރިކަމާއި ވަފާތެރިކަމާއި ކަމަށް ކަމޭ ހިތުމާއި ހާޒިރިއަށް ބަރާބަރުވުމަށް މިހާރު ނުބަލާ ކަމަށްވެސް ވިދާޅުވިއެވެ.